ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް އައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައިވާ ކަމަށެވެ.

އަސްލަމަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަހްމަދު މުއުތަޞިމް އަދުނާންއެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން، އަސްލަމަށް ހަވާލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

19 ވަނަ މަޖިލީހުގެ ދެވަނަ ރައީސް ކަމަށް މަޖިލީހުގެ ވެސް މެޖޯރިޓީ ލީޑަރު އަސްލަމް އިންތިހާބުވެވަޑައިގަތީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ވާދަކުރައްވާ، 30 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން އަސްލަމަށް 53 ވޯޓު ލިބިވަޑައިގަތް އިރު، އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މަޖިލީހުގެ ރައީސްކަމަށް އަސްލަމް އިންތިހާބުކުރެއްވީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

2005 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި މަޖިލީހުގައި މިހާރު ވެސް ހިދުމަތްކުރައްވަމުން ގެންދަވާ އަސްލަމް އިންތިހާބުކުރެއްވުމަށް ފަހު ރިޔާސަތަށް ވަޑައިގެން ދެއްކެވި ކުރު ވާހަކަފުޅުގައި ވަނީ، ހުރިހާ މެންބަރުންނާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.