ޑިމޮކްރެޓުންގެ މެންބަރުން ނެންގެވި ނިޒާމީ ނުކުތާތަކާއި ހިންގެވި ހައިޖާނުތަކާ އެކު ވެސް، ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރެވިފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ފަރާތުން ބަޖެޓު ހުށަހެޅުން ކަމަށެވެ. ދައުލަތުގެ ފަރާތުން ބަޖެޓު ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވިކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އެއަށްފަހު އަމީރު ބަޖެޓު ހުށަހެޅުއްވުމަށް އަސްލަމް ދައުވަތު ދެއްވުމުން، ޑިމޮކްރެޓުންގެ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަގަން ފަށައިފައެވެ.

އެގޮތުން، ޑިމޮކްރެޓުންގެ ފަރާތުން ނިޒާމީ މައްސަލަ ނެންގެވި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ، އަމީރަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ދެއްވި ލަފާ ހިލާފުކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.

އީވާ އާއި އިމްތިޔާޒު ވިދާޅުވި ގޮތުގައި، އަމީރު މަޖިލީހަށް ހާޒިރުވެވަޑައިނުގަތީ ގަސްދުގައެވެ. ދެ ބޭފުޅުން ވެސް ތުހުމަތުކުރެއްވި ގޮތުގައި އަމީރު ވަނީ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، އަމީރު މަޖިލީހަށް ހާޒިރުވެވަޑައިގެން އެ އިންނެވީ ކުށެއްގެ ތުހުމަތެއްގައި ކަމަށެވެ.

"މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު ކަންތައް،" މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓު ހުށަހަޅާފައިނުވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އަސްލަމް ވަނީ މަޖިލީހުގައި ނިޒާމީ މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ބަޖެޓު ހުށަހެޅުމަށް އަމީރަށް ފުރުސަތު ދެއްވައިފައެވެ. އެހެންކަމުން އަމީރު ބަޖެޓު ހުށަހެޅުއްވިއިރު ޑިމޮކްރެޓުންގެ މެންބަރުން އަޑުގަދަކުރައްވަމުން ގެންދެވިއެވެ. އެހެންވެ، އަމީރު އެންމެ ފަހުން ބަޖެޓު ހުށަހަޅުއްވައި ނިންމަވާލެއްވީ އެ ހަޅޭކުގެ ތެރޭގައެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާއެވެ

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓު އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ތަޅުމަށް ހުށަހަޅަންވާނެއެވެ. އަދި ނޮވެމްބަރު މަހުގެ 30 ގެ ކުރިން ބަޖެޓު ފާސްކުރަންވާނެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ މަހުގެ 30 ގައި އޮތް ޖަލްސާއަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އޮއްވައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އޭރު ލަފާދެއްވުމުން، ފިނޭންސް މިނިސްޓަރު އަމީރު ނިންމެވީ އެ ދުވަހު ޖަލްސާ އަށް ހާޒިރުވެވަޑައިނުގަތުމަށެވެ.

އޭގެ ފަހުން، ބަޖެޓުގެ މަސައްކަތްތައް ތާވަލުކުރުމަށް އެދިވަޑައިގެން މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު އަމީންއާންމު ފާތިމަތު ނިއުޝާ އަށް ސިޓީ ފޮނުއްވުމުން، އެ މަސައްކަތްތައް އެޖެންޑާކޮށް އިއްޔެ ހެނދުނު 9 ޖަހާއިރަށް ޖަލްސާ އެއް ތާވަލުކުރިއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އަމީރަށް ވަޑައިގެންނެވެން ނެތުމާއި ޖަލްސާގެ ކޯރަމް ހަމަނުވުމުން އެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

އެހެންކަމުން، ބަޖެޓު ހުށަހެޅުން ތާވަލުކުރީ މިއަދަށެވެ.