ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލައިގެ އިތުރު ޖަލްސާ އެއް މިއަދު ހަވީރު 4 ޖަހާއިރަށް އެޖެންޑާކޮށްފިއެވެ.
ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް މިއަދު 11 ޖަހާއިރަށް އެޖެންޑާކުރި ނަމަވެސް، ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިންނެވުމުން ޖަލްސާ ކުރިއަށްދާ ގޮތެއް ނުވިއެވެ. އީވާ ރިޔާސަތުން ތެދުވެވަޑައިގަތުމަށް ދެކޮޅު ހެއްދެވުމުން، އެމްޑީޕީގެ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅައިފައެވެ.
އެންމެ ފަހުން މެންދުރު 2:30 ހާއިރު އީވާ ވިދާޅުވީ، ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އާއި ބަޖެޓުގެ މަސައްކަތް މާދަމާ އަށް އެޖެންޑާކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެއަށްފަހު ޖަލްސާ ނިންމަވާލެއްވީއެވެ.
ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ އޭގެ ކުޑަ އިރުކޮޅެއް ފަހުން ނަޝީދުގެ ގަރާރުގެ މައްސަލަ މިއަދު ހަވީރަށް އެޖެންޑާކޮށް، 4 ޖަހާއިރަށް ޖަލްސާ އެއް ތާވަލުކޮށްފައެވެ. އެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނޫނެވެ.
މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ވަނީ، ނަޝީދު މަގާމުން ވަކިކުރުމަށްޓަކައި ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު، ނަޝީދުގެ މަސްލަހަތު އޮންނަ މެންބަރުން ނުބަލަހައްޓާ ގޮތަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ދެއްވި ލަފާ އަމީންއާންމު ފާތިމަތު ނިއުޝާ އަށް އެރުވުމަށް ނިންމައިފައެވެ. ރިފްއަތު ލަފާ އަރުއްވާފައިވާ ސިޓީ ނިއުޝާ އަށް ލިބިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.