ވިޔަފާރި ކުންފުނިތައް ބަނގުރޫޓުވާއިރު މެންބަރުން މަޖިލީސް ކުރާ ގޭގެ ކުޑަދަށުގައި ތިބުމަކީ ގަސްތުގައި ދޭ ބޮޑު ނިކަމެތިކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާގެ ކޯރަމް ހަމަނުވުމުން މެދުކަނޑާލުމާ ގުޅިގެންނެވެ.

ބޮންޑޭ ވިދާޅުވީ ބޯފެނާއި ނަރުދަމާ އަދި އިންޖީނުގެތައް އެޅި 250 އެތަކެއް ކޮންޓްރެކްޓަރުންނާއި އަދި ސަޕްލަޔަރުންނަށް ސަރުކާރުގެ ކުންފުނިތަކުން ދޭންޖެހޭ ނުވަ ހާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެވެން އޮތީ ބަޖެޓް ފާސްކޮށްގެން ކަމަށެވެ. އަދި މިއަދު ބަޖެޓް ހުށަހަޅާ ޖަލްސާގައި ގޮތެއް ނިންމުމަށް ރިޔާސަތުން އިލްތިމާސް ކުރަމުން ދާއިރު ވެސް ކޯރަމް ހަމަނުކޮށް ސަރުކާރު މެމްބަރުން، އާންމު ރައްޔިތުން ގެ ވިޔަފާރި ކުންފުނިތައް ބަނގުރޫޓުގެ މަގުމައްޗަށް ދޫކޮށްލައިގެން މަޖިލީހުގެ ކުޑަދަށުގައި ތިބުމަކީ ގަސްތުގައި ރައްޔިތުންނަށް ދޭ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

ކޯރަމް ހަމަނުވި އިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވައިދު ލާޒިމްކުރާ ކަމަށާއި، ބަޖެޓުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ނުނިމިއްޖެ ނަމަ އާ ސަރުކާރަށާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިވާނެ ކަމަށެވެ.

ހަމަ އެހެންމެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުން ކުރާ އަމިއްލަ ވިޔަފާރި އާ ވެސް ގުޅިފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާތީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން އެޖެންޑާ ކޮށްފައިވާ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އުޒުރުވެރިވެ ވަޑައިގަންނަވާ ކަން ހާމަކުރައްވައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީ އެއް ފޮނުއްވާފައެވެ. އެއާއެކު އޭނާ މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހަޅަން ވާނެއެވެ. އަދި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މަޖިލީހުން ބަޖެޓު ފާސްކުރަން ވާނެއެވެ.

ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އޮއްވައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ލަފާދެއްވުމުން، އަމީރު ނިންމެވީ، ބަޖެޓު ހުށަހެޅުމަށް އެންމެ ފުރަތަމަ އެޖެންޑާކުރި ތާރީހު ކަމަށްވާ މިދިޔަ މަހު 30 ގައި ބަޖެޓު ހުށަހެޅުމަށް މަޖިލީހުން އެޖެންޑާކުރި ނަމަވެސް، އެ ޖަލްސާ އަށް ވެސް ހާޒިރުވެ ވަޑައިނުގަތުމަށެވެ.