20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނީ ކީއްވެތޯ ބަލަން ބުއްދީގެ ޗެކަޕެއް ހަދަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމާއި މީހުންގެ އުޅުން ބައްޓަން ކުރުމާއި މައުލޫމާތު އޮޅުން ފިލުވާ ދިނުމުގެ ވާހަކަވެސް އެ ބިލު ތެރޭގައި އެބަ އޮތް ކަމަށާއި މި މާއްދާގައި މި އޮންނަނީ ޕްރެވެންޓިވް ކެއާ ހިދުމަތްތައް ބަލި ޖެހުމުގެ ކުރިން ސްކްރީން ކުރުމާއި މެޑިކަލް ޗެކަޕް ހެދުން ކަމަށެވެ. އަދި ބުއްދީގެ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީ ކީއްވެގެންތޯ ބުއްދީގެ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ ކަމަށާއި އެއީ އެމްޑީޕީގެ އެންމެ އިސް ލީޑަރަކަށް ހުންނެވި ބޭފުޅާ އެންމެ ފަހު ވަގުތު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ޖެހޭ ވާހަކަ ދެއްކެވުމުން ކަމަށެވެ. އަދި އޭގެ ފަހުން ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދޭން ނިންމި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"20 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީ ކީއްވެގެންތޯ ބުއްދީގެ މެޑިކަލް ޗެކަޕެއް ހަދަން."
ބޮންޑޭ

ބޮންޑޭ ވިދާޅުވީ މިހާރު ހިންގަމުންދާ 19 ވަނަ ރައްޔިތުން މަޖިލީސް ހިންގަމުން ދަނީ މަޝްވަރާގެ މަތިން ނޫން ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެކަމުގެ ޔަގީންކަން އޮންނެވި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮންގޮއްވުމާއި ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ފުރައްސާރަކޮށް ރައްޔިތުންނަށް ނަފްސާނީ ބަލިޖެއްސި ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިއެކަން ނުކުރައްވާނެ ކަމަށެވެ. އަދި މިދިޔަ ވެރިކަމުގައި ވެންޓިލޭޓަރުތަކާއި ނޭވާ ހޮޅިން ވައްކަން ކުރުމަކީ މެޖޯރިޓީ ދިން ސަބަބެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީ ލީޑާޝިފް ބަދަލުކޮށްގެން ނޫނި މި ރާއްޖެއަށް ސިޔާސީ ކަންކަމުގައި ކުރިއަށް ދެވޭނެ މަގެއް ނެތް ކަމަށާއި ފުރަތަމަ ބަދަލުވާންވީ އެމްޑީޕީ ލީޑާޝިޕް ކަމަށެވެ. އަދި މިހާރު އެމްޑީޕީ ލީޑާޝިފްގައި ތިބި ހުރިހާ ފަރާތްތައް އިސްތިއުފާދޭން ޖެހޭ ކަމަށާއި މިހެން މި ދިމާވީ ޕާޓީއެކޭ ކިޔައިގެން ގޭންގެއް އޮޕަރޭޓްކުރާހެން ކުރުމުން ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ފުރަތަމަ ދުޅަހެޔޮ ކަމެއް އަންނަން ޖެހޭނީ ތިމާމެންގެ ސިކުނޑިއާއި ބުއްދިއަށް ކަމަށާއި ބުއްދިއާއި ވިސްނުން ހަރާބުވެ، ބާރުތަކަށް ދަހިވެތިވުމުން ވާނެ ގޮތް މިއޮތީ ފެންނަން ކަމަށެވެ.

މިހާރު ހުރި ގޯތިތައް ހަވާލުކޮށް ވެށިފަހިމާލެ ފަދަ ޕްރޮގްރާމްތައް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަން ކަށަވަރު ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ވޯޓުދެއްވި ކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ ސަރުކާރެއް ވައްޓައެއް ނުލެވޭނެ ކަމަށާއި އަޒުލެއްވެސް ނުކުރެވޭނެ ކަމަށެވެ.