ފުށިދިއްގަރު ހުޅުވާލައިފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2023 ޔަގީންވެ ވަޑައިގަންނަވާނެ ކަމަށާއި އެކަން އެހެން ނުވެއްޖެނަމަ އުންމީދެއް ނެތް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށައެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އުންމީދު ކުރަނީ ފުށިދިއްގަރުގެ މަސައްކަތް ރައީސް ސޯލިހު ނިންމެވުން ކަމަށެވެ.
ބޮންޑޭ ވިދާޅުވީ އެމްޑީޕީއާ ވާދަކުރަން އުޅުއްވާ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދު ﷲ ޔާމީން ފުށިދިއްގަރުގައި ގަރާޖާއި ވޯކްޝޮޕްތައް ހަދާ އަދި ގޯތިތައް މީހުންނަށް ދޭން ނިންމާ ލިޔުން ދޫކޮށްފައިވާ ކަމަށެވެ. އަދި ޔާމީންގެ ޕްލޭން ކުރިއަށް އޮތް 100 އަހަރަށް ރާވާފައިވާ ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.
މި ފަހަރުގެ ވެރިކަމުގައި ރައީސް ސޯލިހު މާލޭ ރައްޔިތުންނާއި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް 5000 ގޯތީގެ އިތުރުން ފުށިދިއްގަރުގައި ސިނާއީ އަދި އިގްތިސޯދި އެކި އެކި މަސައްކަތް ކުރުމަށް ހުޅުވާލަން ޖެހޭ ކަމަށް ބޮންޑޭ ފާހަގަ ކުރެއްވިއެވެ.
ބޮންޑޭ ވިދާޅުވީ ދިވެހިރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި ގެސްޓް ހައުސްތަކާއި ޑައިވިން ސްކޫލްތަކާއި ވޯޓާ ސްޕޯޓްސްތައް އެޅުނީމަ ދިރިއުޅެން ބޭނުން ވަނީ މާލެ ސަރަހައްދުގައި ކަމަށާއި ރަށް ރަށުގައި ދިރިއުޅެން ބޭނުން ނުވާ، މާލެ ސަރަހައްދުގައި އުޅެން ބޭނުންވާ މީހުންވެސް އުޅޭ ކަމަށެވެ.
ގުޅި، ގުރައިދޫ އަދި މާފުށި ސަރަހައްދުގައި އޮތް 9 ކިލޯމީޓާރުގެ ފުށިދިއްގަރަކީ ދިވެހި ރާއްޖޭގެ ހާއްސަކޮށް މާލެ ސަރަހައްދުގެ މުސްތަގުބަލު ކަމަށް ގަބޫލުކުރައްވާ ކަމަށް ބޮންޑޭ ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ވަނީ ފުށިދިއްގަރު ފަޅުގައި މަޝްރޫއެއް ހިންގަން ނިންމާފައެވެ. އަދި މިފަހުން ވެސް ރައީސް ޔާމީން ވަނީ ދެން އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަވެސް އެ މަޝްރޫއު ހިންގަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.