ކ. ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކާތީ ތިލަފުށި މިނިވަންކުރަން ލަސްނުކޮށް ނިކުންނަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިފަދައިން ވިދާޅުވީ ތިލަފުށިން ދޫކުރާ ބިންތަކުގެ 90 ޕަސެންޓް ހާއްސަކުރާނީ ދިވެހި ވިޔަފާރިތަކަށް ކަމަށް އެޗްޑީސީން ބުނުމާ ގުޅިގެންނެވެ.

ބޮންޑޭ ވިދާޅުވީ ތިލަފުށީގެ 100 ޕަސެންޓު ބިން ހާއްސަކުރަން ޖެހޭނީ ދިވެހިންނަށް ކަމަށް ކަމަށެވެ. އަދި އެޗްޑީސީއަކީ "ބިންކާ ކޯޕަރޭޝަން" ކަމަށް ސިފަކުރައްވާ ބޮންޑޭ ވިދާޅުވީ އެ ކޯޕަރޭޝަން އުވާލާ، ވިއްކާ ބިންތައް އަނބުރާ އަތުލަން ނިކުންނަން ޖެހޭ ކަމަށެވެ.

އެޗްޑީސީއިން ވަނީ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ދެނެގަނެ، ހައްލުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގެ ބިން އިތުރުކޮށް ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިން ކުރަމުންދާ ކަމަށް ބުނެފައެވެ.

ބޭރު މީހުންނަށް ތިލަފުށިން ބިން ދޫކުރާ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާއިރު އަދި އެ އުސޫލު ބަދަލުކުރުމަށް ޕީޕީއެމް ތަމްސީލު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ބިދޭސީންނަށް ތިލަފުށިން ސިނާއީ ބޭނުމަށް 99 އަހަރަށް ބިން ގަނެވޭ ގޮތަށް ހުޅުވާލުމާ ގިނަ ބަޔަކު ދެކޮޅު ހަދަނިކޮށް 57 ބިމެއް ކުއްޔަށް ދޭން އެޗްޑީސީން ހުޅުވާއިރު އެ އިއުލާނުގައި ވަނީ ހަ ބާވަތެއްގެ ޕްލޮޓް ދޫކުރަން އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،700 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ބިދޭސީންނަށް 99 އަހަރަށް ބިން ދޫކުރާ އިރު ތިލަފުށިން ބިން ގަންނަ ދިވެހިންނަށް ބިން މިލްކު ކުރެވޭނެއެވެ.

  • ޓައިޕް 1: 2،500-4،999 އަކަފޫޓް
  • ޓައިޕް 2: 5،000- 9،999 އަކަފޫޓް
  • ޓައިޕް 3: 10،000- 14،999 އަކަފޫޓް
  • ޓައިޕް 4: 15،000- 19،999 އަކަފޫޓް
  • ޓައިޕް 5: 20،000-29،999 އަކަފޫޓް
  • ޓައިޕް 6: 30،000-35،000 އަކަފޫޓް

އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޕްލޮޓް ދޫކުރަނީ ޓައިޕް 2 އިންނެވެ. އެ ސައިޒުގެ 20 ބިމާއި ޓައިޕް 1 ގެ 14 ބިމާއި ޓައިޕް 3 އަދި 4 ގެ ހަތް ބިމާއި ޓައިޕް 5 އާއި ޓައިޕް 6 ގެ އެއް ބިން ދޫކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، ބީލަމުގެ އުސޫލުން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ޖެހޭނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާށެވެ. ދެވަނަ މަރުހަލާއަކީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބީލަން ހުށަހެޅުމެވެ.

ބިމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް ކުރިމަތިލެވޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލް މިހާރު އާންމުންނަށް ހުޅުވާލައިފައި ވާ އިރު މި ބިންތަކަށް ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.