ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށްޓަކައި ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު، ނަޝީދުގެ މަސްލަހަތު އޮންނަ މެންބަރުން ނުބަލަހައްޓާ ގޮތަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ދެއްވި ލަފާ އަމީންއާންމު ފާތިމަތު ނިއުޝާ އަށް އެރުވުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އެޖެންޑާކޮށް އިއްޔެ ހެނދުނު ދެ ފަހަރެއްގެ މަތިން ބޭއްވިއެވެ. އެގޮތުން ފުރަތަމަ އެޖެންޑާކޮށް ބޭއްވި ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ ނުކުތާ އާ ގުޅިގެން، ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު، ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ބޭރުކުރައްވައިފައެވެ.

ދެވަނަ ފަހަރަށް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު އެޖެންޑާކުރުމުން ސަލާމުގައި ހުންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ ޖަލްސާގެ ރިޔާސަތާ ހަވާލުވުމަށް ފަހު، އަފީފްގެ ނިންމެވުން ދަމަހައްޓަވައިފައެވެ.

އެހެންކަމުން ދެ ބޭފުޅުން ވެސް މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. އޭގެ އިތުރުން، އެ ކޮމިޓީން ވަނީ، ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރު އެޖެންޑާކުރެވޭ ޖަލްސާގެ ރިޔާސަތު، އެމަނިކުފާނުގެ މަސްލަހަތު އޮންނަ މެންބަރުންނަށް ހަވާލުނުކޮށް ކުރިއަށް ގެންދިއުމުގެ ލަފަޔަކަށް އާންމު ކޮމިޓީގައި އެދިފައެވެ.

އާންމު ކޮމިޓީން މި މައްސަލައިގައި ރިފްއަތުގެ ލަފައެއް ހޯދަން ނިންމީ މިހެންވެއެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ ރިފްއަތުގެ ލަފާ މަޖިލީހުގެ އަމީންއާންމަށް އެރުވުމާ މެދު މެންބަރުން ގޮތެއް ނިންމުމެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނަޝީދުގެ ޑިމޮކްރެޓުން ތަމްސީލުކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، މަޖިލިސް ހިނގާ ގޮތާ ބެހޭ ގޮތުން ރިފްއަތަށް ލަފާ ނުދެއްވޭނެ ކަމަށެވެ. ރިފްއަތު "ކުރައްވަނީ ބަޣާވާތެއް" ކަމަށް އިލްޔާސް ވަނީ ސިފަކުރައްވައިފައެވެ.

ނަމަވެސް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދާއި އީވާ އަމަލުކުރައްވަމުން ދިއުމުގެ ސަބަބުން މަޖިލިސް ގާތްގަނޑަކަށް ހުއްޓިފައިވާތީ ދެން ކުރިއަށް ދާނެ ގޮތުގެ ލަފައެއް ހޯދައި މަޖިލީހުގެ އިދާރާ އަށް އެ ލަފާ އެރުވުމުގެ ބާރު އާންމު ކޮމިޓީ އަށް ލިބިގެންވާ ކަމަށެވެ.

"[ބަންޑާރަނައިބުގެ] ލަފަޔަށް އެހޭނެ، [ބަންޑާރަނައިބަށް ލަފާ] އެރުވޭނެ، މަޖިލީހުން [އެއަށް] އަމަލުކުރަން ވެސް ވާނެ،" ޝާހިދު ވިދާޅުވިއެވެ.

ނަޝީދުގެ މައްސަލައިގައި ކުރިއަށް ދާނެ ގޮތަކާ މެދު ރިފްއަތުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އޭނާ ވިދާޅުވީ، ރިފްއަތުގެ ލަފާ ލިބިފައިވުމުން، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އަށް އެ ލަފާ އެރުވުމަށް ހުށަހަޅުއްވާ ކަމަށެވެ. ބިގޭގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ކޮމިޓީގެ މުގައްރިރު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވޯޓަށް އެއްސެވުމުން، ކޮމިޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ނިންމެވީ ރިފްއަތު ދެއްވި ލަފާ ނިއުޝާ އަށް އެރުވުމަށެވެ.