ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މިއަދު ބުނެފިއެވެ.
މީޑިއާގައިވާ ގޮތުން، އީވާގެ މައްސަލަ އަލުން ވެއްދުމަށްޓަކައި މެންބަރުން ގެންދަވަނީ ސޮއިކުރައްވަމުންނެވެ. ބައެއް މަސްދަރުތަކުގައިވާ ގޮތުން، އެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް، އެމްޑީޕީގެ ބައެއް މެންބަރުން އެކި މީޑިއާތަކަށް ވިދާޅުވިއެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން، އީވާގެ މައްސަލަ ވެއްދުމަށްޓަކައި މެންބަރުން ސޮއިކުރައްވަމުން ގެންދަވާ ކަން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަށަވަރުކޮށްދެއްވިއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، ބައެއް މެންބަރުން ސޮއިކުރައްވަމުން ގެންދަވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.
ދެ ބޭފުޅުން ވެސް ވިދާޅުވި ގޮތުގައި، އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް އަލުން ހުށަހެޅުމާ މެދު ވަކި ގޮތެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނުނިންމައެވެ. އެކަމާ މެދު ގްރޫޕްގެ ތެރޭގައި ރަސްމީ މަޝްވަރާ އެއް އަދި ނުހިނގާ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ގަރާރެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރާ އެކީގައެވެ. ނަމަވެސް ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެއްދި ގަރާރުތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، އީވާ ވަކިކުރުމަށް ހުށަހަޅާ ގަރާރު ވައްދަން ބޭނުންވާ ވަރަށް ސޮއި ހަމަވެއްޖެ ކަމަށާއި، އިތުރު މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ނަމަވެސް 'ދަ ޕްރެސް' އިން ނިޔާޒަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.