ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސް މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ނަޝީދާއި އީވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް 54 މެންބަރަކު ސޮއިކުރެއްވިއިރު، އީވާގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވީ 50 މެންބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް މެންބަރުން ކަނޑައެޅުމާ ގުޅޭގޮތުން ބަހުސްކުރުމަށް އެޖެންޑާކޮށްފައެވެ. ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އަދަދު ކަމަށްވާ 22 މެންބަރުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށް ދާނެ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފާ ރިޔާސަތު ހަވާލުކުރައްވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ނަޝީދު ވަޑައިގަތީއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމާފައި ކަމަށާއި، އެ މައްސަލަ ނަގަން ބޭނުންވާ މެންބަރުންގެ ސޮއި ވެސް ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައަށް އިތުރަށް ބަހުސްކުރަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ މި މައްސަލައިގައި ވާހަކަ ދެއްކެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނަޝީދުގެ މައްސަލަ ދިގުލައިގެން ގޮސްފައި ކަން ފާހަގަކުރައްވައިފައެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމާއެކު އޭނާ ހުށަހެޅުއްވީ މުޅި މަޖިލިސް ކޮމިޓީއަކަށް ގޮސް އާންމު ކޮމިޓީން ކަން ކުރާ އުސޫލުން ނަޝީދު ދިފާއުގައި ވާހަކަފުޅު ދައްކަވާނެ ވަގުތު ކަނޑައެޅުމަށާއި، މެންބަރުން ބަހުސްކުރަން ވަގުތު ކަނޑައެޅުމަށް ހުށަހަޅުއްވައިފައެވެ.

އާޒިމްގެ ވާހަކަ ނިމުމުން އަފީފް ވަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ގޮތް ނިންމާފައި ވާތީ އެ މައްސަލަ އަނބުރާ ނެގުމާ މެދު އެ ޕާޓީގެ މަޖިލިސް މެންބަރުން ގޮތެއް ނިންމުމަށް ހުސްވަގުތުކޮޅަކަށް އެދިފައިވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އިތުރު ފުރުސަތެއް ހޯއްދަވައި ޝަރީފް އެދިވަޑައިގަތީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ މެންބަރުންގެ ސޮއި ހަމަކުރުމަކަށް ފުރުސަތެއް ދިނުމަށްޓަކައި ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލުމަށެވެ.

މީގެ ކުރިން ވެސް މި މައްސަލައިގައި ވާހަކަ ދެއްކެވި އާޒިމް ވަނީ، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ޖަލްސާ 15 މިނެޓަށް މެދުކަނޑާލަން އެދޭނަމަ، އެކަމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ނަޝީދުގެ މައްސަލަ އަނބުރާ ގެންދިއުމަށް ސޮއި ހަމަކުރުމަށްޓަކައި އެމްޑީޕީ އަށް ހުސްވަގުތުކޮޅެއް ދިނުމަށްޓަކައި އަފީފް ޖަލްސާ މެދުކަނޑާލެއްވީއެވެ.

ގާތްގަނޑަކަށް ގަޑިއިރެއް ފަހުން ޖަލްސާ އަލުން ފަށްޓަވައި އަފީފް ވިދާޅުވީ، ނަޝީދާއި އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުތަކުގައި ސޮއިކުރެއްވި މެންބަރުންގެ ތެރެއިން 33 މެންބަރެއްގެ ސޮއި އަނބުރާ ނެންގެވި ކަމުގެ ލިޔުން މަޖިލީހުގެ އިދާރާ އަށް ފޮނުއްވާފައިވާ ކަމަށެވެ.

އެހެންވެ، އީވާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ބާކީ 17 މެންބަރުންގެ ސޮއި އަދިވެސް އޮތް އިރު، ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ބާކީ އޮތީ 21 މެންބަރުންގެ ސޮއެވެ.

އަފީފް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ބޭނުންވާނެއެވެ. އެއީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެންބަރެއްގެ ސޮއިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ދެ މައްސަލަ ވެސް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރަށް ސޮއި ނެތުމުން ދެ މައްސަލަ ވެސް ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، އަފީފް މިއަދުގެ ޖަލްސާ ނިންމަވާލެއްވީއެވެ.