ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތުގެ ލަފައެއް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އަރިހުން ހޯދުމަށް، މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އާންމު ކޮމިޓީން ބައްދަލުވުމެއް ބާއްވަން ތާވަލުކުރީ ނަޝީދު ވަކިކުރުމުގެ ގަރާރުގެ މަސައްކަތް އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ޑިމޮކްރެޓުންގެ އެއްވެސް މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ކޮމިޓީ އަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ހުށަހެޅުމެއް ފޮނުވަން ނިންމާފައިވަނިކޮށެވެ.

މިއަދަށް ތާވަލުކުރި ކޮމިޓީ ބައްދަލުވުން ފެށްޓެވުމުގެ ކުރިން، އާންމު ކޮމިޓީގެ މުގައްރިރު ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވިދާޅުވީ، އެ މައްސަލައާ ގުޅުންހުރި ބައެއް ލިޔެކިއުންތައް އިތުރަށް ބޭނުންވާތީ، އެ ލިޔެކިއުންތައް ލިބުމުން ކޮމިޓީގެ ބައްދަލުވުމެއް ފަހުން ބާއްވާނެ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު އަބްދުލްޣަނީ ވަނީ، އިތުރު ކަމެއް އޮތް ނަމަ، އެ ކަމެއް ހުށަހެޅުމުގެ ފުރުސަތު މެންބަރުންނަށް ދެއްވައިފައެވެ.

އެ ފުރުސަތުގެ ދަށުން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ރިފްއަތުގެ ލަފައަކަށް ކޮމިޓީގެ ފަރާތުން އެދުމަށް ހުށަހަޅުއްވައިފައެވެ. މުހައްމަދު ރަޝީދު ވިދާޅުވީ، މިގޮތަށް ހުށަހެޅުއްވީ ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތެރެއިން ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ހޯދިފައި ނެތުމުންނާއި އެ މައްސަލައިގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ކަމަށެވެ.

ބިގޭ ވިދާޅުވި ގޮތުގައި، ނަޝީދުގެ މައްސަލަ އެޖެންޑާކޮށް މިއަދު ބޭއްވި ދެ ޖަލްސާ ވެސް ރިޔާސަތުން ނިންމީ ގަވައިދާ ހިލާފަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު އޮންނަނީ އަމީންއާންމުގެ އިހްތިޔާރުގައެވެ.

"އެހެންވީމާ އަޅުގަނޑުގެ ހުށަހެޅުމަކީ މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ބަންޑާރަނައިބުގެ ލަފަޔަކަށް އެދި މި ކޮމިޓީން ހުށަހަޅަން،"

އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ހިނގާ ނުވަތަ ދިމާވާ އެއްވެސް މައްސަލައެއްގެ ތެރެއަށް އާންމު ކޮމިޓީން ވަނުމަކީ އެ ކޮމިޓީގެ މެންޑޭޓުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެ ކޮމިޓީ އަށް ލަފާ ދެވޭނީ މަޖިލީހުގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ކަމަށް، ޑިމޮކްރެޓަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ، އާންމު ކޮމިޓީ އަށް މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ކުރިއަށް ދެވޭނެ ކަމަށެވެ.

ރައްދުގައި ބިގޭ ވިދާޅުވީ، މަޖިލީހުގެ އަމީންއާންމަށް ލަފާ ދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި ދަންނަވަން ޖެހޭ ފަރާތަކަށް ދެންނެވުމުގެ އިހްތިޔާރާއި ބާރު އާންމު ކޮމިޓީ އަށް ލިބިގެންވާ ކަމަށެވެ. އޭނާގެ ވާހަކަ އަށް ތާއީދުކުރައްވައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މަޖިލީހުގެ އަމީންއާންމަށާއި ކައުންސެލް ޖެނެރަލަށް އާންމު ކޮމިޓީން ލަފާ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ބިގޭގެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް، ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު ބޭރުކޮށްލެއްވުމާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަފީފްގެ ނިންމެވުމަށް ބާރު ދެއްވައި ގަރާރުގެ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށް ނިންމެވުމުން، ދެ ބޭފުޅުން މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ މައްސަލަ ވެސް ހުށަހަޅައިފައެވެ. މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ އަފީފާއި އީވާ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށެވެ.