ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ނުގަވައިދުން މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި 12 މަސްވެރިންގެ ތެރެއިން 8 މީހަކު އަނބުރާ އިންޑިއާއަށް ފޮނުވާލައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުގަވައިދުން މަސްވެރިކަން ކުރަމުންދަނިކޮށް އިންޑިއާއަށް ނިސްބަތްވާ އެ 12 މަސްވެރިން ހިފެހެއްޓީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އެ 12 މަސްވެރިންގެ ތެރެއިން މިހާރުން މިހާރަށް އިންޑިއާއަށް ދާން ބޭނުންވި 8 މަސްވެރިން ދިއުމުގެ ކަންކަން ހަމަޖައްސާދީފައިވާނެ ކަމަށެވެ. އަދި މި މައްސަލަ އަށް އަވަސް ހައްލެއް ހޯއްދުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާގެ ޓަމިލްނާޑު އަށް ނިސްބަތްވާ އެ މަސްވެރިން އަނބުރާ ފޮނުވާލާފައި މިވަނީ އެ މީހުން ދޫކޮށްލުމަށް ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލައްވާފައިވަނިކޮނެވެ.

ފިިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ރާއްޖޭގެ ކަނޑުގައި ގާނޫނާ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުފަހަރު 2 މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދުން ޖޫރިމަނާ ކުރާ ގޮތަށް، ގަވައިދާ ހިލާފަށް ބޭރުގެ އުޅަނދުފަހަރުން ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވައިދު ތަސްތީގު ކޮށްފައި ވަނީ އޮގަސްޓް 8، 2022 ގައެވެ.

ބޭރުގެ އުޅަނދުފަހަރުން ދިވެހި ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ބޭނުން ވާނެއެވެ. އަދި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމުން ކުރާ ޖޫރިމަނާ ނުދައްކައިފި ނަމަ ދައުލަތަށް އެ ބޯޓު ނެގުމުގެ ބާރު ލިބިފައި ވެއެވެ.