އިންޑިއާ އެމްބަސީން އިސްނަގައިގެން ކޮންމެ އަހަރަކު ރާއްޖޭގައި ފާހަގަކުރާ ޔޯގާޑޭ، މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

މިއަހަރު މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ތާޖް މޯލްޑިވްސް ރިސޯޓުގައެވެ. މިއަހަރުގެ މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރުއެވެ. އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަރަކާތުގައި 500 އަށްުވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށެވެ.

މިއަދު އެމްބަސީން ކުރި ޕޯސްޓާއެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު 2022 ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާއި ގުޅިގެން ގިނަ ހަމަނުޖެހުންތަކެއްވަނީ ހިނގާފައެވެ. ބައެއް ދީނީ އިލްމުވެރިންނާ އާންމުން ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކަށް ފަހު، އެ މައްސަލައިގައި އޭރު ޔޫތު މިނިސްޓަރަކަށް ހުންނެވި އަހުމަދު މަހުލޫފް މަޖިލީހަށް ވެސް ހާޒިރުކުރިއެވެ. އަދި އެ ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާ ކުރި ނަމަވެސް، މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ އޭގެ ތެރެއިން ބައެއް މީހުންގެ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައެވެ.

އެމްޑީޕީ ސަރުކާރުގައި ހިނގި މި ހަމަނުޖެހުންތަކާއެކު، ބޮޑު ހަރަކާތެއްގެ ގޮތުގައި ޔޯގާ ދުވަސް ފާހަގަކޮށްފައެއް ނުވާއިރު، ގިނަ ދުވަސްތަކަށްފަހު މި ދުވަސް އަނެއްކާވެސް ކުލަ ގަދަކޮށް ފާހަގަކުރަން ފެށުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.