ޔަހޫދީ އިޒްރޭލުން ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލަލްގެ އައުޓް ޕޭޝަންޓް ކޮންޕެލެކްސް ގޮއްވާލައި މައި އިމާރާތާ ވަކިކޮށްލާފައި ވާ ކަމަށާއި ހޮސްޕިޓަލް ސަރަހއްދުގައި މީހަކު ގުޑިލިޔަސް [އަތަކަށް ޖެހިލައި ނުވަތަ ހިނގާބިނގާ ވާނަމަ] ބަޑިޖަހާ ޝަހީދު ކޮށްލާ ކަމަށް ގާޒާ ހެލްތް މިނިސްޓްރީގެ ޑައިރެކްޓަރު ވިދާޅުވެއްޖެއެވެ.

އަލް ބަޝަރު ވިދާޅުވީ، އެ ހޮސްޕިޓަލަކީ ގާޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށް ވާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާ 5000 މީހުނާއި ޒަހަމްތަކާއެކު ތިބި އެޑްމިޓް ނުކުރެވި ވާ 800 މީހެއް ގެ އިތުރުން ހިޔާވަހިކަން ހޯދަން އައިސް ތިބި އާންމުންނާއެކު ޖުމްލަ 50،000 އެއްހާ މީހުން ތިބި ހޮސްޕިޓަލެއް ކަމަށެވެ.

ހޮސްޕިޓަލްގެ އެތެރެއާއި ބޭރު ފުރި ގޯތިތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ޓެންޓް ޖަހައިގެން ތިބި އިރު، އިއްޔެ ބޮން އަޅާ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓް ޔުނިޓުގައި ތިބި އެންމެން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ކޮމްޕައުންޑް އިމާރާތަށް ވެސް ބޮން އަޅާފައި ވާ އިރު އެތަންތަނާއި ހޮސްޕިޓަލްގެ މައި އއިމާރާތާ ވަނީ ގުޅުން ކެނޑިފައި ކަމަށާއި، މިހާރު މައި އިމާރާތަށް ވެސް ހަމަލާތައް އަމާޒު ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ޔަހޫދީ ސިފައިން ވަނީ ހޮސްޕިޓަލް ވަށާލާފައި ކަމަށާއި، ހޮސްޕިޓަލް ތެރެއާއި އަދި ބޭރުގައި މީހަކު ހަރަކާތްތެރިވާނަމަ [ހިނގާ ބިނގާ ވާނަމަ] ބަޑިޖަހަމުން ގެންދާ ކަމަށެވެ.

ގާޒާގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ޓީމެއް

ގާޒާގެ ބަނދަރާ ކައިރިން ރޭމަލް ގެ އުތުރުގައި ހުންނަ ޝިފާ ހޮސްޕިޓަލަކީ، ސްޕެޝަލިސްޓް އެންމެ ބޮޑު ހޮސްޕިޓަލެވެ. ސާޖަރީތަކާއި، އެތެރެހަށީގެ ބަލިތަކާއި އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާދޭ އެކި އިމާރާތް އެ ކޮމްޕައުންޑްގައި ހުރެއެވެ.

ފަލަސްތީން އިސްތިއުމާރު ކޮށްގެން އިނގިރޭސީން ތިބި އިރު، އެމީހުން ބޭނުން ކުރި ބެރެކްސް ހޮސްޕިޓަލަކަށް ބަދަލު ކުރީ 1946 ގައެވެ. އޭގެ ފަހުން މިސްރުން ގާޒާ ބެލެހެއްޓި އިރު އެ ތަން ފުޅާކޮށް އިތުރު އިމާރާތްތައް ހަދާ ހިދުމަތްތައް ދެމުން އައިސް އިޒްރޭލުން ގާޒާ ހިފައި 1980 ގެ އަހަރުތަކުގައި ވެސް އެ ހޮސްޕިޓަލް ތަރައްގީ ކޮށްފައި ވެއެވެ.

މިއަދު އެއީ ފަލަސްތީނުގެ އެތައްހާސް ބައެއްގެ ދިރިހުރުމުގެ އުއްމީދެކެވެ. އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ނިކުންނަން މަޖުބޫރުވި އެތައްހާސް ބަޔަކު ހިމާޔަތް ހޯދައިގެން ތިބީ މިވަގުތު އެތާނގައެވެ.

ޔަހޫދީ ސިފައިން ކަބަރު ނަގައިގެން ދުރުން ހަމަލާ ދޭން ތައްޔާރުވެފައި

އިޒްރޭލުން ބުނަނީ އެ ހޮސްޕިޓަލްގައި ހަމާސްގެ ކޮމާންޑް ސެންޓަރު އޮޕަރޭޓް ކުރާ ކަމަށާއި ވަގުތުން ހުސް ކުރުމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ކަމަށް ގާޒާގެ ސިއްހީ ވުޒާރާ އާއި ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ އިތުރުން ހަމާސް އިން ވެސް ބުނެފައި ވެއެވެ.

އިޒްރޭލުން އެ އަޑެއް ނާހައެވެ. ހޮސްޕިޓަލް ހުސްކުރަން އަންގާ އިންޒާރު ދެމުން މިހަރު ހޮސްޕިޓަލް ވަށާލާފައި ވާ އިރު ދުރުން ހަމަލާ ދޭ ސްނައިޕަރުން ބޭނުން ކޮށްގެން ވަކިވަކި އާންމުންގެ ގަޔަށް ބަޑިޖަހާ ދަނީ ޝަހީދު ކޮށްލަމުންނެވެ. އަދި ޑްރޯން އަރުވައިގެން ހޮސްޕިޓަލްގެ އެކިއެކި ފަންގެފިލާތަކުގައި ތިބި މީހުންނަށް ވެސް ޑްރޯން ބޭނުން ކޮށްގެން ދަނީ ހަމަލާ ދެމުންނެވެ.

"މިތަން މި ބަދަލުވަނީ ގަބުރުސްތާނަކަށް، އެތެރޭގައި ތިބި ބަޔަކާއެކު ހޮސްޕިޓަލްގައި މި ދަނީ ވަޅުލެވެން"
ހޮސްޕިޓަލް ޑައިރެކްޓަރު

ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާ ދެމުން ގެންދާތީ އާއި ވަކިވަކި މީހުންނަށް އަމާޒު ކޮށް ބަޑިޖަހަމުން ގެންދާތީ ބޭރަށް ވެސް މިހާރު ނިކުމެވެން ނެތުމުގެ އިތުރުން އެތެރޭގައިވެސް ތިބެވެން ނެތުމާއެކު އެތާނގައި ތިބި މީހުން ޝަހީދުވެ ނިމިގެން ދާނެ ގޮތް ކަމަށް ސިފަ ކުރައްވައި އެ ހޮސްޕިޓަލްގެ ޑިރެކްތަރު ވިދާޅުވިއެވެ.

މުޅި ހޮސްޕިޓަލުން މިހާރު ވަނީ ކަރަންޓް ކަނޑާލާފައެވެ. އަލަށް ވިހޭ 39 ކުދިން އިންކިއުބޭޓަރުގައި އެބަތިއްބެއެވެ. ޑައިލަސިސް ހަދާ މީހުން އެބަތިއްބެއެވެ. އޮކްސިޖަންގައި ތިބި މީހުން އެބަތިއްބެއެވެ. ކަަރަންޓް ވިއުގައަށް ހަމަލާ ދީ ހަލާކުކޮށްލާފައި ވުމުން، ދެން މިއިން އެކަކުވެސް ދިރިނުހުންނާނެ ކަމަށް ޑައިރެކްޓްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދާދި ދެންމެ ސްނައިޕަރަކު ބަޑިޖެހީ ހޮސްޕިޓަލުގެ އިންޖިނިއަރިން ޓީމުގެ މީހެއްގެ ކަރަށް ކަމަށެވެ. އޭނާ ދުނިޔޭގައި އޮންނާނެ ވަގުތު ކަނޑައަޅަން ނޭނގޭ އިރު އެފަދަ އެތައް ހަމަލާއަކާއެކު އެތައް ބަޔަކު ތަޅުން މައްޗަށް ވެއްޓެމުން ދާ އިރު މުޅިތަން ވަނީ ލެއިން ތަތްތެޅިފައި ކަމަށް ވެސް ވިދާޅުވިއެވެ.

ޝިފާ ހޮސްޕިޓަލް ކައިރީ ހިމާޔަތް ހޯދައިގެން ކޭމްޕްޖަހައިގެން އެތައްހާސް ބަޔަކު ޓެންޓްތަކުގައި

ހޮސްޕިޓަލަށް ޓޭންކަރުން ހަމަލާ ދީފައި ވާ އިރު، އެއް ކޮމްޕައުންޑްގައި ދަނީ ރޯވެ އަނދަމުންނެވެ. އެ އަލިފާންގަނޑު ފެތުރި ފުޅާވެއްޖެ ނަމަ ހޮސްޕިޓަލްގެ ހުރިހާ އިމާރާތެއްގައި އަލިފާން ހިފުމުގެ ފުރުސަތުވެސް އެބައޮތެވެ.

މި ހޮސްޕިޓަލްގެ އިތުރުން އަލް ގުދުސް ހޮސްޕިޓަލާއި އިންޑޮނީޝިއަން ހޮސްޕިޓަލާއި އެހެން ހުރިހާ ހޮސްޕިޓަލަކަށް ދަނީ ހަމަލާ ދެމުންނެވެ. ގާޒާގައި ހުންނަ 36 ހޮސްޕިޓަލްގެ ތެރެއިން 21 ތަނެއް އެއްކޮށް ވަނީ ހަލާކު ކޮށްލާފައެވެ. ބާކީ ހުރި ތަންތަނަށް ހަމަލާ ދީ ކަރަންޓުގެ ހިދުމަތް ކަނޑާއި ސީދާ މައި އިމާރާތްތަކަށް ހަމާލަ އަމާޒު ކުރަމުން ގެންދާ އިރު އެއިން ކޮންމެ ހޮސްޕިޓަލެއްގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި އެބައިއްބެވެ.

ގާޒާ މިހާރު ބަދަލުވެފައި ވަނީ، ފުރާނަ އަތްމައްޗަށް ލައިގެން ގޮތް ހުސްވެފައި ތިބި ބައެއްގެ ސަހަރާއަކަށެވެ. އަމާންކަން އޮތް އެއްވެސް ދިމާއެއް، ތަނެއް ނެތެވެ. ހުރިހާ ދިމާއަކުން ހަމަލާ ދެމުން ގެންދާ އިރު، ނަސްލެއް ނެތިކޮށްލުމުގެ ނުބައި ޖަރީމާގައި ދުނިޔޭގެ ބާރުތަކުން ދަނީ ބައިވެރިވަމުންނެވެ.