އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަަޑައިގަތުމާ އެއްގޮތަށް އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން މި ހަފުތާގެ ނިޔަލަށް އެނބުރި އައުމަށް ފޮރިން މިނިސްޓަރީން އަންގައިފިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރަމުން ގެންދަވާ މުވައްޒަފުން، މިމަހުގެ 18 ގެ ކުރިން ރާއްޖެއަށް އަނބުރާ ގެނައުމަށް އިންތިހާބީ ރައީސް ވަނީ އެދިވަޑައިގެންފައި ވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިގޮތަށް އެދިވަޑައިގެންނެވި 61 މުވައްޒަފަކު މިމަހު 18ގެ ކުރިން ރާއްޖެ އައުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ހުވާކުރައްވާއިރު ގިނަ ބައެއްގެ ލޯ އަމާޒުވާނެ ބަޔަކީ ކެބިނެޓުގައި ތިއްބަވާނެ މިނިސްޓަރުންނަށެވެ.

މުއިއްޒުގެ ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށް "ދަ ޕްރެސް" އަށް އެނގިފައި ބޭފުޅުންގެ ލިސްޓެއް އެކުލަވާލި އިރު އޭގެ ތެރޭގައި މީގެ ކުރީގެ ޕީޕީއެމް ސަރުކާރުގައި މިނިސްޓްރީތައް ހިންގެވި ބޭފުޅުންނާއި މިނިސްޓްރީތަކުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ދެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އިސް މެންބަރުންގެ އިތުރުން އެމްއެންޕީގެ އިސް ބައެއް މެންބަރުންވެސް އެ ކެބިނެޓުގައި ހިމެނެއެވެ.