ދިވެހި ސަރުކާރާއި ކޮމަންވެލްތް އޮފް ޑޮމިނިކާގެ ސަރުކާރާ ދެމެދު ވިސާއާ ނުލައި ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ޑޮމިނިކާއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެއެވެ. އަދި ހަމަ އެފަދައިން ޑޮމިނިކާ ރައްޔިތުނަށް ވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރު ކުރެވޭނެއެވެ.
ކޮމަންވެލްތް އޮފް ޑޮމިނިކާއާއި ރާއްޖެ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަމަންޓްސް ފޯ ދެއާ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައި ވަނީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮންއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ފަސޭހަ ކަމާކާއެކު ދަތުރުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.