ޖަޕާނުގެ ޔުނިވާސިޓީތަކުން ކިޔެވުމަށް 6 ސްކޮލާޝިޕް އެގައުމުން ދީފިއެވެ.

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން 2025 ވަނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ހަ ސްކޮލާޝިޕް ފުރުސަތު ދިނުމަށް ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ޖަޕާނު ސަރުކާރުން މި 6 ސްކޮލާޝިޕަށް 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދީފައިވާ ކަމަށެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ސްކޮލާޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.