ފަލަސްތީނަށް އެހީވުމަށް ރ. އަތޮޅު ކައުންސިލުން 100،000ރުފިޔާ އަދި އދ. ދަނގެތިން 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފިއެވެ..

ރ. އަތޮޅު ކައުންސިލުން ފަލަސްތީނަށް ހަދިޔާކުރަން ހަމަޖެހިފައިވަނީ 1،05،179 ރުފިޔާއެވެ. އޭގެ ތެރެއިން އެއް ލައްކަ ރުފިޔާ އަކީ ކައުންސިލުގެ ބަޖެޓުން ދޭ އެހީއެކެވެ. ބާކީ 5،179 ރުފިޔާ އަކީ އެ ރަށުގައި ކުރިއަށްދިޔަ ހޭންޑްބޯލް މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައިރު ބެހެއްޓި ފަންޑު ފޮށިން ލިބުނު ފައިސާ ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މިދިޔަ މަހުގެ 13 އިން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދަނގެތީގައި ފަންޑް ރެއިސިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ހަރާކަތުން 150،095.45 ރުފިޔާ ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.