ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ބުނެ، އިންފޮމޭޝަން ކޮމިޝަނަރު އަލުން ގޮތެއް ނިންމުމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އިންޑިއާ ސިފައިން ތިބި އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލަ އިސްތިއުނާފުކުރުމުން، އެ މައްސަލައާ މެދު ގޮތެއް ނިންމައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވާ ނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، ބޭރު ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލަކީ އެއީ ކަމަށެވެ.

ހައި ކޯޓުން އިއްވި ހުކުމްގައި ފާހަގަކުރި ބައެއް ނުކުތާތަކުގައިވާ ގޮތުން:

  • އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ބަޔާންކުރުމެއް ނެތި
  • އެގޮތަށް ނިންމީ ސިއްރު އެއްބަސްވުމަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ބަޔާންކޮށްފައި އޮތަސް އެއީ އޮތް އެއްބަސްވުމެއް ކަމާއި އެ އެއްބަސްވުމުގައި ހުރި ކަންކަން އެނގެން ނެތް
  • ނިންމުން ނިންމީ އެމްއެންޑީއެފުން ބުނި ބުނުމަށް ރިއާޔަތްކޮށް

އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ނިންމައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ހުކުމްކުރެއްވީ އެ އޮފީހުން އަލުން ގޮތެއް ނިންމުމަށެވެ.

މި މައްސަލަ ހައިކޯޓުން ބެއްލެވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ރިޔާސަތު ބަލަހައްޓަވާ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.