ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާގެ ލޯބިވެރިޔާ ބްރޫނާ ބިއަންސިއާޑީ އާއި އެދެމީހުންގެ އެއް މަހުގެ އަންހެން ދަރިފުޅު މަވީ ރަހީނު ކުރުމަށް ބަޔަކު މަސައްކަތް ކޮށްފިއެވެ.

ބްރޫނާގެ ގެއަށް ގޭންގަކުން ވަގަށް ވަދެފައި މިވަނީ ކޮލަމްބިއާގެ ލިވަޕޫލް ފޯވަޑް ލުއިޒް ޑިއާޒްގެ ބައްޕަ ވަގަށް ނެގިތާ ހަފުތާއެއް ފަހުންނެވެ. ލުއިޒް ޑިއާޒްގެ ބައްޕަ ރަހީނުކުރި މީހުން އަދިވެސް އޭނާ ދޫކޮށްލާފައި ނުވާއިރު ބްރޫނާގެ ގެއަށް ގޭންގަކުން ވަން ހާދިސާ އާ ގުޅިގެން ނޭމާ އާއި އޭނާގެ އާއިލާއަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

ބްރޫނާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ގޭންގަކަށް ނިސްބަތްވާ މީހުން ވަދެފައި ވަނީ ބްރެޒިލްގެ ކޯޝިއާގައި ހުންނަ އޭނާގެ ގެއަށް ކަމަށެވެ. އެ ވަގުތު ގޭގައި ތިބީ ބްރޫނާގެ މައިންބަފައިން ކަމަށާ އޭނާ އާއި އޭނާގެ ދައްތަގެ އިތުރުން ދަރިފުޅު އެ ވަގުތު ވީ ގެއިން ބޭރުގައި ކަމަށް ބްރޫނާ ވަނީ ބުނެފައެވެ.

ބްރޫނާގެ އާއިލާ އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ، ހަތިޔާރާ އެކު ދެ މީހަކު އެ ގެއަށް ވަނުމަށް ފަހު، ނޭމާގެ އެއް މަހުގެ ދަރިފުޅު މަވީ ހޯދަމުން ދިޔަކަމަށެވެ. އެގެއަށް ވަގަށް ވަން މީހުން އޭނާގެ މައިންބަފައިންނަށް އެއްވެސް ގެއްލުމެއް ދީފައިނުވި ނަމަވެސް ގަހަނާ އާއި ރަން ވަގަށް ނަގާފައި ވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ބްރޫނާގެ ގެއަށް ވަގަށް ވަން މީހުންގެ ތެރެއިން އެކަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.