ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަޝްރޫއު ނިންމުމަށް 1.2 ބިލިއަން ރުފިޔާ ދޭނެ ކަމުގެ ޔަގީންކަން ޔޫއޭއީ އިން ދީފައިވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދެވެވަޑައިގެންފައިވާ ފަދައިން އަންނަ އަހަރުގެ ޕީކް ސީޒަނަށް ވީއައިއޭގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް، އެމަނިކުފާނު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން އެ ފައިސާ ހަމަޖައްސަވައި ދިނުމަށް މުއިއްޒު އެދިވަޑައިގަތުމުން އިޖާބަދީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވަނީ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
އެއާޕޯޓް މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމާއި އަދި ޑިޒަންތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކުރިން ކަނޑައެޅުނު އަގަށް ވުރެ އެތައް ތަނެއް މަޝްރޫއުގެ އަގު ބޮޑުވެފައި ވާކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ އެ މަޝްރޫއު ނިންމުމަށް 79.80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެހެންކަމުން ޔޫއޭއީން ދޭން ނިންމި އެހީގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ފައިސާއާއެކު އަންނަ އަހަރުގެ ޕީކް ސީޒަންއަށް ވީއައިއޭ ނިންމަން އާ ސަރުކާރުން އަމާޒު ހިފާފައި ވާ އިރު އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ކުރީގައި އެއާޕޯޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވީއައިއޭއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި މަސައްކަތުގެ ސައިޓަށް ވަޑައިގެން އަމަލީ ގޮތުން އެކަން ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވާލައްވާނެ ކަމަށް ފިރިޒުލް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އެހީތެރިކަން ދިނުމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ ދާއިރާތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް ވެސް އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ވެސް ޔޫއޭއީ ސަރުކާރުން ދީފައިވާ ކަމަށެވެ. ޔޫއޭއީ ސަރުކާރާއި އަދި އޭޑީއެފްޑީ އިން މިވަގުތު ވެސް ރާއްޖޭގައި ހިނގަމުންދާ ބޮޑެތި މަޝްރޫއު ތަކަށް (ވީއައިއޭގެ މަޝްރޫއު ހިމެނޭހެން) އެހީތެރިކަން ދެމުން ދާކަން ވެސް ފިރުޒުލް ވަނީ ފާހަގަ ކުރައްވާފައެވެ.