ވ. އާރަށުގެ މައްސަލާގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ހިމެނޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވާފައިވާއިރު އެމަނިކުފާނުގެ ފަރާތްޕުޅުން އެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިވަޑައިގަތުމުން މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދީފައެވެ.
އެ އަމުރު ނެރެފައިވަނިކޮށް އެ ފައިސާ އެއްވެސް މިންވަރަކަށް ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކުރުމަށް އެދި އެޓާނީ ޖެނަރަލްގެ އޮފީހުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ބުނެފައިވަނީ މި މައްސަލަ ދައުވާ ލިބޭ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެންފައިވާއިރު ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ނޫން ގޮތެއް އަންގަންދެން ރައީސް ޔާމީން ދެއްކުމަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް މީރާގެ އިތުރުން ދައުލަތުގެ އެއްވެސް އިދާރާއަކުން މަސައްކަތް ނުކުރުމަށް ޝަރުއީ ކޯޓުތަކަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ މައްޗަށް ހައި ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.
ސިވިލް ކޯޓުން ބުނީ މި މައްސަލަ ހައިކޯޓުން ނިމޭނެ ދުވަހެއް އަންދާޒާކޮށް އެނގެން ނެތުމުންނާއި ހައިކޯޓުން ދައުލަތާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެތީ ހައިކޯޓުން މައްސަލަ ނިމެންދެން މި މައްސަލަ ސިވިލް ކޯޓުގައި ބޭއްވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ފަދަ އަމުރެއް ނެރެފައިވަނިކޮށް މި މައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށެވެ.
އާރަށުގެ މައްސަލާގައި އިއްވާފައިވާ ހުކުމާއެކު ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.