1998 އަށްވަނަ އަަހަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސްކޮށް ނެރުނު "އަމާނާތް" ފިލްމުގެ ވާހަކައަކީ މިއަދުވެސް ދިވެހިން ދައްކަމުން އަންނަ ވާހަކަތަކެވެ. މި ފިލްމުގައި ހިމެނޭ ލަވަތަކަކީ މިއަދުވެސް ގިނަ ދިވެހިންނަށް ކަމުދާ ރީތި ލަވަތަކެކެވެ.

މަންމަމެންގެ ޒަމާނުގައި ރިލީޒްކުރު މި ފިލްމަށް 25 އަހަރުވެފައިވާއިރު އެމީހުން ބުނާގޮތުގައި މި ފިލްމަކީ މިއަދުވެސް ފޫހިކަމެއް ނެތި ބަލައިލެވޭނެ ފެންވަރުގެ މޮޅު ފިލްމެއް ކަމަށެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ގައުމީ ފިލްމު އެވޯޑްސްގައި ޖުމްލަ 12 އެވޯޑު ހާސިލްކުރި "އަމާނާތް" އަކީ އެއަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. ދިވެހިންނަށް އެންމެ ކަމުދާ ދިވެހި ފިލްމުތަކުގެ ލިސްޓުގެ ފުރަތަމަ ފަހަކުން މި ފިލްމު ޖާގަ ހޯދަމުން އަންނައިރު މި ފިލްމަކީ އަސަރުން ފުރިގެންވާ ރީތި ފިލްމެކެވެ.

ފިލްމަށް 25 އަހަރު ފުރުނު މުނާސަބާތުގައި ޕްރޮޑިއުސަރު ޓެޑްރީ ފޭސްބުކުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އަމާނާތް ފިލްމަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި މި ފިލްމުގެ އެކްސްޕީރިއަންސް އަކީ ވަރަށް ހާއްސަ އެކްސްޕީރިއެންސެއް ކަމަށެވެ. ފިލްމުގެ މުޅި ކާސްޓަށާއި ކްރޫ މެންބަރުންގެ އިތުރން އާއިލާ އާއި ގާތް ރަހުމަތްތެރިން ދިން ސަޕޯޓުގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމަށާއި އަބަދުވެސް ކައިރީގައި ހިއްވަރުދޭން ތިބީތީ އެމީހުންނަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

ފިލްމު ރިލީޒްކުރި ދުވަހު ހަވީރު ނޫހަށް ދިން އިންޓަވިއުއެއްގައި ޓެޑްރީ ބުނީ ފިލްމު ރިލީޒްކުރެވުމުން ހިތުގައިވާ ރިހުންތައް ފިލައިގެން ދިޔަ ކަމަށެވެ. ފިލްމު "ދެރިޔާ" ރިލީޒްކުރި ރޭ ވެސް އެހާ އުފާނުވާ ކަމަށް ޑެޓްރީ ވަނީ އޭރު ބުނެފައެވެ. އަދި ފިލްމު އަމާނާތް އަކީ އަމިއްލަ އުފެއްދުމެއް ކަމަށާއި ފިލްމު ރިލީޒްކުރެވުމުން ރިހުންތަކެއް ފިލައިގެން ދިޔަ ކަމަށް ޓެޑްރީ އޭރު ހަވީރު ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

މި ފިލްމުގެ ތަރިންނަކީ އަލީ ހާލިދު، ފާތިމަތު ރަމީޒާ، ޖަމްޝީދާ އަޙްމަދު، އިއުޖާޒް ހާފިޒް، އަބްދުލް ސައްތާރު، މަރިޔަމް ނާއިޝާ، އާމިނަތު ސޫޒަން، މުހައްމަދު ހަސަން އަދި އިބްރާހިމް ރަޝީދެވެ. ފިލްމުގައި މުޅި ޖުމްލަ އަށް ލަވަ ހިމެނޭއިރު ފިލްމުން އެންމެ މަގްބޫލުވެގެންދިޔައީ "އޯގާވެރިވޭ ލޯބިވާ" މި ލަވައެވެ. މަހުދީ އަހުމަދުގެ ޑައިރެކްޓްކުރި މި ފިލްމަކީ މުހައްމަދު އިކްރާމް މިއުޒިކް ހަދައިދިން ފިލްމެކެވެ.