ވިނަރެސް ޓަވަރުތަކުން ނުވިކި ހުރި ފްލެޓުތަކަށް އެދި ފޯމްލާން ހުޅުވާލި ފުރުސަތުގައި އޮންލައިން ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ފްލެޓްތައް ވިއްކުން މެދުކަނޑާލައިފިއެވެ.

މި ކަމާ ގުޅިގެން އާބަންކޯއިން ބުނީ އިއްޔެ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން އެ ކޯޕަރޭޝަނަށް ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ ކޯޕަރޭޝަނަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ހުރިކަން ފާހަގަ ކުރެވިފައި ވާތީ، އެޕާޓްމެންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ މަރުހަލާ މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.

ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްފަހު، ވިނަރެސް މަޝްރޫއިން ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހެއް އިއުލާނު ކުރާނެ ކަަމަށް އާބަންކޯއިން ބުނެއެވެ.

ވިނަރެސް ފްލެޓްތައް ގަތުމަށް އާބަންކޯއިން ފުރުސަތު ހުޅުވާލީ އިއްޔެ ހެނދުނު 10:00 ގައެވެ. ޕޯޓަލްއިން ދައްކާ ގޮތުގައި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިތާ 1 ގަޑިއިރު ނުވެ ހުރިހާ ޔުނިޓެއް ވަނީ ވިކިފައެވެ.

އާބަންކޯއިން ފްލެޓްއަށް ހުށަހެޅުމަށް އިއްޔެ ހުޅުވާލާފައި ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް އިހްތިޔާރު ކުރާ މީހުންނާއި ފްލެޓު ދޫކޮށްލުމަށް ނިންމާ މީހުންގެ އަދަދަށް ބެލުމަށް ފަހު ވިނަރެސް ޓަވަރުތަކުގެ ފްލެޓްތަކެއް ނުވިކި ހުރުމުންނެވެ.

އާބަންކޯއިން ވަނީ ވިނަރެސް ޓަވަރުން ދޫކުރާ ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން އިންޓްރެސްޓުގެ ގޮތުގައި ނަގާ ނުވަ ޕަސެންޓު، ހަ ޕަސެންޓަށް ކުޑަކޮށްފައެވެ. އަދި މި ބަދަލު ގެނައީ ހަމައެކަނި އެ ދިގު މުއްދަތައް ބަހާލައިގެން ފްލެޓުތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ސީއެމްއީސީން އަޅަން ފެށި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި އާބަންކޯ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 20 ގައެވެ. ޖުމްލަ 1،344 އެޕާޓްމެންޓުގެ މައްޗަށް އެކުލެވޭ 10 ޓަވަރުގައި ހުންނަ ކޮންމެ އެޕާޓްމެންޓެއްގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 3.5 މިލިއަން ރުފިޔާ އާ ދެމެދުގައެވެ.