ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ނުވިކި ހުރި ފްލެޓުތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިތާ 1 ގަޑިއިރު ނުވެ ހުރިހާ ޔުނިޓެއް ވިކިއްޖެ ކަމަށް ޕޯޓަލް އިން ދައްކައިފިއެވެ.

ވިނަރެސް ފްލެޓްތަކުގެ ނުވިކި ހުރި ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 10:00 ގައެވެ. ވިނަރެސް ޕޯޓަލް އިން ދައްކާ ގޮތުގައި 281 ފްލެޓް ވިކިފައި ވާއިރު ފްލެޓްތަކަށް އެދި 1،063 ފޯމް ހުށަހަޅާ، ވަނީ ފްރޮސެސިން މަރުހަލާގައެވެ.

ވިނަރެސް ޓަވަރުތަކުގެ ހުރިހާ ފްލެޓްތައް ވިކިފައި

އާބަންކޯއިން ފްލެޓްއަށް ހުށަހެޅުމަށް މިއަދު ހުޅުވާލީ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް އިހްތިޔާރު ކުރާ މީހުންނާއި ފްލެޓު ދޫކޮށްލުމަށް ނިންމާ މީހުންގެ އަދަދަށް ބެލުމަށް ފަހު ވިނަރެސް ޓަވަރުތަކުގެ ފްލެޓްތަކެއް ނުވިކި ހުރުމުންނެވެ.

އާބަންކޯއިން ވަނީ ވިނަރެސް ޓަވަރުން ދޫކުރާ ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ އަތުން އިންޓްރެސްޓުގެ ގޮތުގައި ނަގާ ނުވަ ޕަސެންޓު، ހަ ޕަސެންޓަށް ކުޑަކޮށްފައެވެ. އަދި މި ބަދަލު ގެނައީ ހަމައެކަނި އެ ދިގު މުއްދަތައް ބަހާލައިގެން ފްލެޓުތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ސީއެމްއީސީން އަޅަން ފެށި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި އާބަންކޯ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 20 ގަ އެވެ. ޖުމްލަ 1،344 އެޕާޓްމެންޓުގެ މައްޗަށް އެކުލެވޭ 10 ޓަވަރުގައި ހުންނަ ކޮންމެ އެޕާޓްމެންޓެއްގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 3.5 މިލިއަން ރުފިޔާ އާ ދެމެދުގައެވެ.