ހަނގުރާމަ ފެށުނު ފަހުން ގާޒާގެ އުތުރު ދޫކޮށް 800،000 އެއްހާ މީހުން ދެކުނުގެ އެކި ކޭމްޕްތަކަށް ދިޔަ ނަމަވެސް އަދިވެސް އުތުރުގައި 350،000 އާއި 400،000 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް އދ ގެ މަންދޫބު ބުނެފިއެވެ.

ޑޭވިޑް ސަޓާފީލްޑް ބުނީ، އެމީހުންގެ ތެރޭގައި ގާޒާގެ އުތުރުން ނުކުމެވޭނެ ގޮތެއް ނެތް މީހުންނާއި، 'ނުކުތަސް މަރު ތިއްބަސް މަރު' ކަމަށް ބުނެ ތިބި މީހުން ހިމެނޭ ކަމަށެވެ. އަދި ބަލި ހާލަތުގެ ގޮތުންނާއި އެނޫންވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ނިކުމެވެން ނެތް މީހުންވެސް ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރަށް އޭނާ ބުނީ، ބޭރުގެ ފަރާތްތަކުން ގާޒާ އަށް ވައްދާ އެހީ އުތުރުގައި ތާށިވެފައި ތިބި ފަރާތްތަކަށް ލިބުނަ ނުދޭން ހަމާސް އިން މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

އެންމެންވެސް މިވަގުތު ތިބީ، ހުރިހާ ހިދުމަތަކުން މަހުރޫމު ވެ ކާނެ އަދި ބޯނެ އެއްޗެއް ނެތިފައި ކަމަށާއި އެހީއަށް ފެންބޮވައިގެންފައި ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުން، އިޒްރޭލުން މިހާރު ހަމަލާތައް އަމާޒު ކުރަމުން ގެންދަނީ، ހޮސްޕިޓަލް ތަކަށާއި، ސްކޫލު ތަކަށާއި، ހިޔާވަހިކަން ހޯދަން މީހުން ވަދެ ތިބި ތަންތަނަށް އަމާޒު ކޮށް ކަމަށެވެ. އެގޮތުން ހުރިހާ ހޮސްޕިޓަލަކަށް ގެއްލުން ވާނެހެން ވަށައިގެން ހުރި އިމާރާތްތަކަށް ހަމަލާ ދެމުން ގެންދާ ކަމަށާއި އޭގެ އެއް ބޭނުމަކީ ވަށައިގެން ހުރި ބައެއް އިމާރާތްތަކުގެ މަތީގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ހަލާކު ކޮށްލުން ކަމަށެވެ.

ތެޔޮ ހުސްވެ އިންޖީނުތައް ނިވިފައިވާ ގާޒާގައި މިވަގުތަށް އަލިކަމެއް ފެންނަން ހުރީ އެ ޕެނަލްތައް ހުރި އިމާރާތްތަކުގައި ކަމަށާއި އެވެސް ނައްތާލައި މުޅިތަން ހުއްޓުމަކަށް ގެންނަނީ ކަމަށެވެ. މީގެ އިތުރުން މިއަދުގެ ހަމަލާތަކުގައި ފެން ތާންގެއްވެސް ގޮއްވާލާފައި ވާ ކަމަށް ބުނެއެވެ.

ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް އަމާޒުކޮށް އިއްޔެ ޑްރޯން ހަމަލާއެއް ދީ 15 މީހަކު ޝަހީދު ކޮށްލައި 50 މީހަކު ޒަހަމް ކޮށްލާފައި ވާ އިރު އަލް ޝިފާ ހޮސްޕިޓަލަކީ ހިޔާވަހިކަން ހޯދައިގެން 40،000 މީހުން މިވަގުތުވެސް ތިބި ތަނެކެވެ. ދެވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލް، އަލް ގުދުސް އަށް އަމާޒުކޮށްވެސް އިއްޔެ ހަމަލާތަކެއް ދީފައި ވެއެވެ. އެއީ މިވަގުތު 14،000 މީހުން ހިޔާވަހިކަން ހޯދައިގެން ތިބި ތަނެކެވެ. ދެން ހުންނަ އިންޑޮނީޝިއާ ހޮސްޕިޓަލަށް އަމާޒުކޮށް ވެސް ވަނީ ހަމަލާތަކެއް ދީފައެވެ.

ގާޒާގައި ހުރި ޔޫއެންއާރުޑަބްލިއޭގެ އިމާރާތްތަކުގައި ހިޔާވަހިކަން ހޯދައިގެން 70،000 މީހުން ތިބި ކަމަށް އެއިދާރާއިން ބުނާ އިރު، އެތަންތަނަށް އަމާޒުކޮށް ވެސް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. އެ އިދާރާއިން އިތުރަށް ބުނީ، މިވަގުތު ގާޒާގައި ރައްކާތެރި އެއްވެސް ތަނެއް ނެތއް ކަމަށާއި، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި ގާޒާ އަނދަމުން ދާ ކަމަށެވެ.

ޔޫއެންއާރުޑަބްލިއު އިން ހިންގާ 50 އިމާރާތެއް ގާޒާގައި ހުންނަ އިރު އޭގެ ތެރެއިން 25 އިމާރާތް ހުރީ ގާޒާގެ އުތުރުގައެވެ. އެތަންތާނގައި 112،000 މީހުން އެބަތިއްބެއެވެ. އެ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމީހުންގެ 4 އިމާރާތެއް ހަލާކުކޮށްލައިފައި ވާ ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެ އިދާރާގެ މުވައްޒަފުންގެ އަދަދު މިހާރު 72 އަށް އަރާފައި ވާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލަން އދ ގެ އިދާރާތަކުން އާދޭސް ކުރައްމުން ދާ މި ދަނޑިވަޅުގައި ޔަހުދީ ބޮޑުވަޒީރު ބުނެފައި ވަނީ ހަމާސް ފުނޑާލައި ހުރިހާ އަސީރުން މިނިވަން ނުކުރެވެނީސް ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ.