ޕީއެންސީއަށް މެންބަރުން އިތުރު ކުރަނީ ޕީޕީއެމްއާ ހިޔާލު ތަފާތުވެގެނެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް 2 ޕާޓީއިން މަސައްކަތް ކުރާނީ އެކުގައި ކަމަށް އިންތިގާލީ ކޮމިޓީގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިފުގެ މެންބަރުން އައްޑޫއަށް ވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ޕީއެންސީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވީނަމަވެސް ޕީއެންސީއަށް މެންބަރުން ހަމަކުރުމަށް ޕީޕީއެމްގައި ހުރި މެންބަރަކު ޕީއެންސީއަށް ބަދަލުނުކުރުމަށް ވަރަށް ސާފުކޮށް އަންގަވާފައިވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ނުޖެހޭނޭ ކަމަށް ވިދާޅުވެފައި ވަނީ 2 ޕާޓީގެ ފިކުރަކީ އެއް ފިކުރަކަށް ވުމުން ކަމަށެވެ.

ޕީޕީއެމްގެ މެންބަރުން ބަދަލުނުކޮށް ޕީއެންސީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ ބޭނުމަކީ ގާނޫނީ ގޮތުން ވެރިކަން ކުރާ ޕާޓީއަކީ ޕީއެންސީ ކަމަށްވެފައި އެޕާޓީ ގައި ގާތްގަނޑަކަށް 3،022 މެންބަރުންތިބިއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ޕާޓީ ފެށުނީއްސުރެ ވެސް ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މަސައްކަތްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަނީ އެއްވެސް ހާލެއްގައި ޕީޕީއެމް އަދި ޕީއެންސީއާ ހިޔާލު ތަފާތުވެގެން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި 2 ޕާޓީއިން މަސައްކަތް ކުރާނީ އެކުގައި ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީން ބައިވެރިވެވަޑައިގެން ޖަލްސާއަށް ނުދެވުނީ މުއިއްޒުގެ ޖަލްސާއާ އެއްވަގުތެއްގައި އޮތުމުން ކަމަށާއި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކުގައި ބައިވެރި ނުވުމުގެ ނިޔަތެއް ލީޑާޝިފުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދުރޭ މަސައްކަތް ކުރައްވާނީ ސަރުކާރުގައި ކަމެއް ނުވަތަ މަޖިލީހަށް ކުރިމަތިލެއްވުމާ ގުޅޭގޮތުން އަދި ގޮތް ނިންމަވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުގެ ލީޑާޝިޕުން އައްޑޫއަށް ކުރާ ދަތުރުގައި ރައްޔިތުންގެ ހާލަތު ބެލުމާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ މަޝްވަރާތަށް ކުރުމުގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ލީޑާޝިޕުން ވަނީ ބުނެފައެވެ.