އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އަށް ވަޑައިގަތުމުން، އެއާޕޯޓުގައި ހިފަހައްޓައި، އޭނާ ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މެލޭޝިއާއަށް ދަތުރުކުރެއްވީ ރޭގެ ވަގުތެއްގައި ބެޓިކް އެއާ ފްލައިޓަކުންނެވެ. އަބްދުﷲ މެލޭޝިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ އިމިގްރޭޝަނުން އޭނާ ހިފެހެއްޓީ ޓެރަރިޒަމަށް ހިތްވަރުދޭ ބޭފުޅެއް ކަމަށް ތުހުމަތު ކޮށްފައެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އޭނާ މި ވަގުތު އެއާޕޯޓުގައި ހުރީ ހައްޔަރު ކޮށްފައި ނޫން ކަމަށާއި އެންމެ އަވަހަށް ހަމަޖެހޭ ފްލައިޓަކުން އަނބުރާ ރާއްޖެ އަށް ފޮނުވާލާނެ ކަން މައުލޫމާތު ވަނީ ލިބިފައެވެ.

މަދަނީ އަބްދުﷲ އަކީ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި މީގެ އަހަރުތަކެއް ކުރިން ގިނަ މަދަނީ ޖަމިއްޔާތަކެއް އިންތިހާދުވެ ހެދި "މަދަނީ އިއްތިހާދު" ގައި އިސްކޮށް އުޅުއްވި ބޭފުޅާއެވެ.

އޭނާ މި ފަހުން ފާހަގަ ވެގެން ގޮސްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އަޑުހަރުކޮށް ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެކި ޕޯޑިއަމް ތަކާއި ޗެނަލް 13 އިން ފޮނުވާ ބައެއް ޝޯ ތަކުގައި ވެސް އޭނާ އެ މައުޟޫގައި ވާހަކަ ދައްކަވާފައި ވެއެވެ.