ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް މިއަދަށް ތާވަލުކުރި ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.
ހަތަރު ދުވަސް މަތިން ތާވަލުކުރުމުން ވެސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި މި ވަނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫގެ އާލާސްކަންފުޅާ އުޅުއްވާތީ މި ހަފްތާގެ ޖަލްސާތަކަށް ސަލާމް ވިދާޅުވުމުންނެވެ.
މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް ހުށަހަޅާ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. އެހެންކަމުން އަމީންއާންމު ފާތިމަތު ނިއުޝާގެ ނިންމެވުމަކީ އީވާ ނޫން މެންބަރަކަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އީވާ ހުންނެވީ ސަލާމުގައެވެ. އެހެންވެ، އާދީއްތަ ދުވަހުގެ އިތުރުން މި ހަފްތާގެ އަންގާރަ ދުވަސް ފިޔަވައި ބާކީ ދުވަސްތަކުގައި ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާކޮށް ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޖެހެނީ ކެންސަލްކުރާށެވެ.
އާންމު ގޮތެއްގައި ބުރާސްފަތި ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އެދުމުން، މަޖިލީހުގެ އިދާރާ އިން ޖަލްސާ އެއް މިއަދަށް ތާވަލުކުރީއެވެ.
އެހެންވެ އެމްޑީޕީން ވަނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓުން ވަނީ އެމްޑީޕީން އާދީއްތަ ދުވަހު ހުށަހެޅި މައްސަލަ ބަލައިގަނެ، ހޯމަ ދުވަހު އެ މައްސަލައިގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައެވެ.