މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވަމުން އަންނަ އިރު ގިނައީ ކުޑަކުދިން ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން ޒަހަމްވާ މީހުންނާއި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ދަށުން އެތައް ބަޔަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރާ އިރު އެ މީހުންނަށް ފަރުވާ ދިނުމަށް ގާޒާގެ ހޮސްޕިޓަލްތައް މިހާރު ވަނީ އެއްކޮށް ފުރިފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި މިހާރު ޒަަހަމްވެގެން ގެންނަ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ ބިންމަތީގައި ބައިތިއްބައިގެންނެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި ހަރަކާތްތެރިވަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން، ރޭއާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމުގައި ދަނީ ވަގުތު ހޭދަކުރަމުންނެވެ.
ގާޒާގެ އުތުރުގައި ބެއިތްލާހިއާގައި ހުންނަ، އިންޑޮނީޝިއާގެ އެހީގައި ހިންގާ ހޮސްޕިޓަލުގައި އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ޒަހަމްވި ބަލި މީހުންނަށް ފަރުވާ ދިނުމުގައި މިހާރު ދަތިތަކާ ކުރިމަތިލަމުން އަންނަ އިރު، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއްް ކަމަށް ވާ ޑރ. ގަދާ އަބޫ އީދާއަށް އޭނާގެ އަންހެން ދަރިފުޅު ޒަހަމްވެގެން އެ ހޮސްޕިޓަލަށް ގެނައި މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ ވައިރަލް ވަމުންނެވެ.
ކޮންމެ ދުވަހެކޭ ވެސް އެއްގޮތަށް އޭނާ ހޮސްޕިޓަލުގައި މަސައްކަތުގައި އުޅެމުން ދިޔަ ވަގުތެއްގައި ކުއްލިއަކަށް ހޮސްޕިޓަލް ތެރެއަށް ސްޓްރެޗާއެއްގައި ފަލަސްތީންގެ ރެޑްކްރެސެންޓްގެ މީހުން ވެއްދި ކުއްޖެއްގެ ހަށިގަނޑަށް ޑރ. އީދާގެ ސަމާލުކަން ހުއްޓޭ މަންޒަރު ފެނެއެވެ.
އޭނާ ފަސް އެނބުރި ބަލާލަން ވާ އިރަށް ސްޓްރެޗާ ހިފައިގެން އެ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދާ މީހުން ހަލުވި ކަމާ އެކު ގޮސް އޮބާލައެވެ. އެއާއެކު ޑރ. އީދާ ދެއަތް އުފުލާ ރޮމުން އަޑުއުފުލާ ގޮވަމުން އެ ސްޓްރެޗާ ގެންދިޔަ މަގުން ދުވެފައި ކަހަލަ ގޮތަކަށް ދާތަން ފެނެއެވެ.
އެ ހޮސްޕިޓަލްގެ ތެރެއަށް ސްޓެރެޗާގައި އެ ކުއްޖާ ވެއްދި އެމެޖެންސީ ޑިޕާޓްމަންޓަށެވެ. އޭނާ އެތަނަށް ވަންނަ އިރު އެ ކުއްޖާ ބިންމަތީގައި ބާއްވައިގެން އަވަަސް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން އެތަނުގައި ހަރަކާތްތެރި ވެއެވެ. އެ ސްޓްރެޗާ ކައިރިއަށް ގޮސް ކުއްޖާއަށް އޭނާ ރަނގަޅަށް ބަލާލައެވެ. އަދި ޑރ. އީދާ އެތަނުން ދުރުކުރަން އެތަނުގައި ހުރި މީހަކު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައެވެ.
އެމީހާގެ ގައިގައި އީދާ ހިފައްހައްޓައިގެން ހުންނަ ތަން ފެނެއެވެ. ނަމަވެސް މާ ގިނަ އިރެއް ނުވެ އީދާގެ ދެއަތުން ވަރު ދޫވެގެން ވެއްޓޭ ތަން ފެނެއެވެ. އެއަށްފަހު އެމީހުން އީދާ ކޮޓަރިއަކަށް ގެންދެއެވެ. އަދި އޭނާ އެތަނުގައި ހުރި އެނދެއްގައި ބާއްވައެެވެ. ބެލެވޭ ގޮތުގައި އީދާގެ ހެޔަށް ގޮތްވީއެވެ. އޭނާ ހުރީ ޝޮކެއްގައި ކަަމަށް ބައެއް ނޫސް ތަކުން ރިޕޯޓް ކުރެއެވެ.
ސިއްހީ ހިދުމަތްތެރިންގެ ތެރޭ މަސައްކަތް ކުރާ އެތައް ބަޔަކަށް މިފަދަ ހިތްދަތި ވަގުތުތަކާ ކުރިމަތިލާން ޖެހެއެވެ. އާއިލާއާ ދުރުގައި ބަލި މީހުންނަށް ހިދުމަތް ކޮށްދިނުމުގައި ތިއްބާ އާއިލާގެ މީހަކު ޒަހަމްވެގެން ނުވަތަ ޝަހީދުވެގެން ގެނެސް ވައްދާ ތަން އެމީހުންނަށް ފެނެއެވެ.