އަންނަ މަހު 17 ގައި ހުސްވާ މާލެ ސިޓީ މޭޔަރު ކަމުގެ މަގާމަށް، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވާދަ ކުރައްވަން ނިންމަވައިފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު އަންނަ މަހު ހުސްވަނީ އެމަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެންނެވެ.

އާޒިމާ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓުގައެވެ.

އާޒިމާ ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށްވާތީއާއި ރައްޔިތުންނާއި ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުންނަވާތީ ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އޭނާއަށް ގަބޫލުކުރެވޭކަމަށާއި އެކަންކަން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

މާލޭގެ ސަރަހައްދަށް އަންނަމުންމިދާ ބަދަލުތަކާއެކު ރާއްޖޭގެ އަތޮޅުތަކާއި، ރަށްރަށުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ކައުންސިލް އަދި މޭޔަރުގެ އޮފީހާއި ސަރުކާރާއި ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުނުންތަކުގެ ތެރެއިން މާލޭގެ ސަރަޙައްދުގެ ތަރައްގީއާއި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި މިއަދުގެ މި ހާލަތުގައި، (މާލޭގެ މޭޔަރު ކަމުގައި ހުންނެވި) ތައުލީމީ އަދި ގާބިލު ބޭފުޅަކު، ގައުމުގެ ރިޔާސަތާ ގަވާލުވެވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައްވެސް ހައްލުކޮށް، މާލެއަކީ ހަގީގީ މާނައިގައި، ދިވެހިރާއްޖޭގެ ވެރިރަށުގެ ގޮތުގައި، ތަރައްގީކުރެވޭނެ ގާބިލު، ކަމަށް އެކަށޭނަ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވާނެއެވެ.
އާޒިމާ

އާޒިމާ ވިދާޅުވީ، މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު، ގައުމީ އަދި ރަށު ފެންވަރުގައި އިތުރު ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އަދި މިމައްސަލަތަކަކީ ގައުމީ ފެންވަރުގައި ހައްލުތަކެއް ލިބިގެންނޫނީ ހައްލު ނުލިބޭނޭ ކަންކަމަށްވާއިރު، މިކަންކަމުގައި ސަރުކާރާއެކު މަސައްކަތްކުރުމުގެ ވިސްނުންތައް އިސްކުރަންޖެހޭނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް އެކަމަނާ އަރުވާނެ ޔަގީން ކަމަކީ މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ ތެދުވެރިކަމާއި އަމާނަތް ތެރިކަމާ އެކު މަސައްކަތް ކުރާނޭ މީހަކަށް ވާނެ ކަމުގައި އާޒިމާ ވިދާޅުވިއެވެ. އަދި ކޮންމެ ހާލެއްގައިވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސް ކުރާނޭ މީހެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނޭ ކަމުގެ ޔަގީން ދެއްވިއެވެ.

އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާނެ ޔަގީންކަމަކީ، އަޅުގަނޑަކީ، މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު މަސައްކަތްކުރާނޭ މީހަކަށް ވާނެކަމެވެ. އަދި ކޮންމެ ހާލެއްގައިވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނޭ ކަމުގެ ޔަގީންކަމެވެ.
އާޒިމާ

އާޒިމާ ވަނީ މާލެ ސިޓީއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއެކު ތަރައްގީކޮށް، އާއިލާއާއެކު ދިރިއުޅެވޭނޭ ފަދަ ތަނަކަށް ހަދައިދިނުމާއި ގްރޭޓާ މާލެއަކީ ވިޔަފާރި އާއި ވަޒީފާތަކަށް މަގުފަހިވެފައިވާ އަދި ހުރިހާ ގިންތިއެއްގެ ހުރިހާ އުމުރެއްގެ، ހުރިހާ ހާލަތެއްގައިވާ ރައްޔިތުންނަށް ވެސް ރައްކާތެރިކަމާއެކު ދިރިއުޅުވޭނެ ތަނަކަށް ހަދައިދީ، ކޮންމެ ހިޔާލެއްގައި ހުރި ނަމަވެސް އެމީހަކާ އެކު މަސައްކަތް ކުރެވޭނޭ ކަމުގެ ޔަގީން ދެއްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެސް ވަނީ އިއުލާންކުރައްވާފައެވެ.