މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނެއް ނުދައްކާ އޮތުމުން އެއަށްވާ 4.1 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އަނެއްކާވެސް އާ ހުކުމެއް ސިވިލް ކޯޓުން އިއްވައިފިއެވެ.
އެ ކޯޓުން ފުރަތަމަ އެ ފައިސާ ދެއްކުމަށް އާޒިމާގެ ޣައިރު ހާޒިރުގައި ހުކުމް އިއްވީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ހުކުމުގައި ބުނެފައި ވަނީ އާޒިމާ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަންގަވާފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށެވެ.
އެގޮތުން ޑިމިނިޝިން މުޝަރަކާ (ޑީއެމް)ގެ ދަށުން ނަގާފައިވާ މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާގެ އިތުރުން ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވެއެވެ. އެހެންކަމުން ޖުމްލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އޭރު ކުރި ހުކުމްގައި ވެއެވެ.
ނަމަވެސް އެ ނިންމުން ގަބޫލު ނުކުރައްވާ އާޒިމާ ވަނީ ސިވިލް ކޯޓަށް އެ ހުކުމް މުރާޖާ ކުރުމަށް ހުށަހަޅާފައެވެ. އެއާއެކު އެ މައްސަލަ މުރާޖާކޮށް ސިވިލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި އާޒިމާގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް، އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމާއި އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް އާޒިމާ ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާ އެ ފައިސަ ދައްކާ ހަލާސް ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެގޮތުން އިއްޔެގެ ނިޔަލަށް އެމްއައިބީގެ ފެސިލިޓީއަށް ދައްކަން ޖެހި އެކަމަކު މިހާތަނަށް ނުދައްކާ ފައިސާގެ އަދަދު 4،282،514 ރުފިޔާއާއި ޗެރިޓީއަށް އަރާފައިވާ 266،512 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަދި މި ފައިސާ ދައްކަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާއިރު ފެސިލިޓީއާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށް، ފެސިލިޓީ އެކައުންޓް ބަންދު ކުރެވެންދެން، ފެސިލިޓީއާ ގުޅިގެން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ އެންމެހާ ހައްގުތަކާއި ބާރުތައް ބާތިލް ނުވެ ދެމިގެންދާނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އަދި އެ ފައިސާ ދައްކާ ނިމެންދެން އެއްބަސްވުމާ އެއްގޮތަށް ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓު އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނީ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފައެވެ.