އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނަވަނިކޮށް މުހައްމަދު ޝުޖާއު އެ މަގާމުން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މަގާމު އަނބުރާ ސުޖާއުއަށް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރު ކޮށްފިއެވެ.

ޝުޖާއު އެ މަގާމުން ވަކި ކުރަން ނިންމި މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައެވެ. އެ މައްސަލަ ބަލައި ނިންމައި މިއަދު ބުނެފައި ވަނީ ޝުޖާއު އެ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޝުޖާއުއަށް އެ މަގާމު އަނބުރާ ދިނުމަށް ވެސް ޓްރައިބިއުނަލް އިން ވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ޝުޖާއު ވަނީ އަރަބިއްޔާ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކިކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މަގާމަކަށް ބަދަލު ކޮށްފައެވެ.

އޭރު ޝުޖާއު ބަދަލު ކުރީ އިދާރީ ބަދަލުތަކެއް ގެނައުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް، އެކަމާ ދެކޮޅަށް އަރަބިއްޔާ ބެލެނިވެރިން ކުރި އިހްތިޖާޖުގައި ބުނެފައި ވަނީ ޝުޖާއު މަގާމުން ވަކި ކުރީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށެވެ.

ޝުޖާއު މަގާމުން ވަކި ކުރުމާ ގުޅިގެން އަރަަބިއްޔާގެ ބައެއް ބެލެނިވެރިން އިހްތިޖާޖު ކޮށްފައިވާ އިރު، އަދިވެސް އަރަބިއްޔާގެ ބައެއް ބެލެނިވެރިން އަންނަނީ ޝުޖާއު އަރަބިއްޔާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

ޝުޖާއު އަރަބިއްޔާ ޕްރިންސިޕަލްގެ މަގާމުން ވަކިކޮށްފައި ވަނީ އޭނާ އެ ސްކޫލްގެ ޕްރިންސިލަޕްގެ މަގާމުގައި ހުންނަވާތާ 4 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. ސުޖާއު އަރަބިއްޔާ ޕްރިންސިޕަލަކަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ 8، 2018 ގައެވެ.