ޕީރިއަޑް ލަސްކުރުމަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ނޭދެވޭ ސައިޑް އިފެކްޓްތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ނަމަވެސް ފެނާއި ސާފުތާހިރުކަމުގެ ބާވަތްތައް ނުލިބުމުން ގާޒާގެ އަންހެނުން ބުނަނީ އެ ބޭސްތައް ބޭނުން ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގިނަ އަންހެނުން ވަނީ މައްސަރުކަން ލަސްކުރާ ބޭސްތައް ބޭނުން ކުރަން ޖެހިފައެވެ.
ތަންތަނަށް ހިޖުރަ ކުރަން ޖެހުމާއި، ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅެން މަޖުބޫރުވެފައި ވުމާއި، ފެނާއި މައްސަރުގެ ސާފުތާހިރުކަމުގެ ބާވަތްތައް ކަމަށްވާ ސެނިޓަރީ ޕެޑާއި ޓެމްޕޯން ފަދަ ތަކެތި ނުލިބުމުގެ ސަބަބުން ގާޒާގެ އަންހެނުންގެ ތެރެއިން ހާއްސަކޮށް މައްސަރު ދުވަސްވަރު ވަރަށް ބޮޑަށް ލޭއައުމާއި އެންޑޯމެޓްރިއޯސިސް އަދި ވޭންދެނިވި ތަދުތައް އިހުސާސްކުރާ އަންހެނުން އަންނަނީ ނޯރެތިސްޓްރޯން ބޭސް ބޭނުން ކުރަމުންނެވެ.
ދެކުނުގެ ސިޓީއެއް ކަމަށްވާ ހާން ޔުނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ މެޑިކަލް ކޮންސަލްޓަންޓެއް ކަމަށްވާ ޑރ ވަލީދު އަބޫ ހަތާބް ވިދާޅުވި ގޮތުގައި މި ބޭސްތަކުން ޕްރޮޖެސްޓްރޯން ހޯމޯން ލެވެލް މަތިކޮށް، ޕީރިއަޑް ވުމުގެ މުއްދަތު އިތުރުކޮށްދެއެވެ.
މި ބޭސްތަކުގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ވެޖިނަލް ލޭ އައުން، ބޮލުގައި ރިއްސުން، އަދި މޫޑު ބަދަލުވުން ފަދަ ސައިޑް އިފެކްޓްތައް ދިމާވެދާނެ ކަމަށް މެޑިކަލް ޕްރޮފެޝަނަލުން ބުނާ އިރު، ސަލްމާ ހާލިދު ފަދަ ބައެއް އަންހެނުން ބުނަނީ އިޒްރޭލުން ކެނޑިނޭޅި ބޮން އެޅުމާއި ގާޒާ އަށް ހުރަސް އެޅުމުގެ ތެރޭގައި އެ ބޭސް ބޭނުންކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
"އެންމެ އުނދަގޫ ދުވަސްތައް"
މީގެ ދެ ހަފުތާ ކުރިން ގާޒާ ސިޓީގެ ތެލް އަލް ހަވާ އަވަށުގައި ހުންނަ އޭނާގެ ގެއިން ސަލްމާ ނިކުމެގެން ގޮސް ގާޒާގެ މެދުތެރޭގައި ހުންނަ ދީރް އަލް ބަލާހް ރެފިއުޖީ ކޭމްޕްގައި ހުންނަ ތިމާގެ މީހެއްގެ ގޭގައި އޭނާ އަންނަނީ ދިރިއުޅެމުންނެވެ. އުމުރުން 41 އަހަރުގެ ސަލްމާ ބުނި ގޮތުގައި އޭނާ އަކީ ބިރުވެރިކަމާއި ނުތަނަވަސްކަމާއި ޑިޕްރެޝަންގެ ހާލަތުގައި އުޅެމުން އަންނަ މީހެއް ކަމަށާއި އެކަމުގެ ސަބަބުން މައްސަރު ދުވަސްތަކަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.
ސަލްމާ ބުނި ގޮތުގައި މި ހަނގުރާމައިގެ ތެރޭގައި އޭނާ އަންނަނީ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް ތަޖުރިބާ ކުރަމުންނެވެ. "މި މަހުގެ މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕީރިއަޑް ވެއްޖެ. އެއީ އަހަންނަށް އެހެންޏާ ވަރަށް ދިމާނުވާ ކަމެއް. އަދި އެދުވަސްތަކުގައި ވަރަށް ބޮޑަށް ލޭ ވެސް އައި."
ސަލްމާ ބުނި ގޮތުގައި ހުޅުވާފައި ހުރި މަދު ފިހާރަތަކާއި ފާމަސީތަކުގައި އެކަށީގެންވާ ވަރަށް ސެނިޓަރީ ޕެޑް ނުލިބެ އެވެ. ފެނުގެ ދަތިކަމުގެ ތެރޭގައި ގާތްތިމާގެ އެތައް ބަޔަކާ އެކު ގެއެއް ހިއްސާކުރުމަކީ އާންމު ސާފުތާހިރުކަމަކީ އެޅޭ ހުރަހެކެވެ. ފާހާނާ ބޭނުންކުރެވެނީ ކޮންމެ ދުވަހަކު ވަކި ވަރަކަށެވެ. އަދި ފެންވެރެނީވެސް ދުވާލަކު އެއް ފަހަރު ކަމަށް ސަލްމާ ބުންޏެވެ.
ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްގެ ހަތިޔާރު އެޅި ގޮފިން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އިޒްރޭލުން ހަމަލާތައް ވަރުގަދަ ކުރުމާއެކު ފާމަސީތަކާއި ފިހާރަތަކަށް ވެސް ސަޕްލައި ވަނީ މަދުވެފައެވެ. މީގެ އިތުރުން އިޒްރޭލުން ގާޒާގެ މައި މަގުތަކަށް ބޮން އެޅުމުގެ ސަބަބުން މެޑިކަލް ގުދަންތަކުން ފާމަސީތަކަށް ތަކެތި އުފުލުމަކީ ނާދިރު މަސައްކަތަކަށް ވެފައިވާ ކަމަށް އަބޫ ހަތާބު ވިދާޅުވި އެވެ.
އާންމުގޮތެއްގައި މައްސަރުކަން ތަހައްމަލު ކުރެވޭނެ ވަސީލަތްތައް ލިބެން ނެތުމުން ސަލްމާ ނިންމީ ޕީރިއަޑް ވުން ލަސްކުރުމަށްޓަކައި ބޭސް ހޯދަން މަސައްކަތް ކުރުމަށެވެ.
ސެނިޓަރީ ޕެޑަށް ޑިމާންޑް ބޮޑުވެ، ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް ޕީރިއަޑް ލަސްކުރާ ބޭސްތައް އާންމުކޮށް ބޭނުން ނުކުރާތީ ބައެއް ފާމަސީތަކުން އާންމުކޮށް އެ ބޭސް ލިބެން ހުރެއެވެ.
"އަހަރެން އަންހެން ދަރިފުޅު ގާތު ބުނީ ފާމަސީއަށް ގޮސް މައްސަރުވުން ލަސްކުރާ ބޭސް ގަންނަން." ސަލްމާ ކިޔައިދިނެވެ. "މި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށްވެސް އައިސްދާނެ. އެހެން ނަމަ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މި ބޭސް ބޭނުން ކުރާކަށް ނުޖެހޭނެ." އެ ބޭސްތަކުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ކުރާނެ ސައިޑް އިފެކްޓްތަކާ މެދު ކަންބޮޑުވާކަމަށް ވެސް ސަލްމާ ބުންޏެވެ.
"ވަރަށް ބޮޑު ކަންބޮޑުވުމެއްގައި"
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އދ.ގެ ސްކޫލްތަކުގައާއި، ގާތްތިމާގެ މީހުންނާއެކު އާއިލާ އެންމެން އެއްކޮށް ދިރިއުޅެމުން އަންނަނީ ނުރައްކާތެރި ހާލަތެއްގައެވެ.
އިޒްރޭލުން ދެމުން އަންނަ ހަމަލާތަކަށް މިހާރު 25 ދުވަސް ވެފައިވާއިރު ފަލަސްތީނުގެ 8،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ އުތުރާއި ގާޒާ ސިޓީ ދޫކޮށް ދިއުމަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނައިރުވެސް ގާޒާގެ ދެކުނުގެ ސަރަހައްދަށް ވައިގެ ހަމަލާތައް ދަނީ ދެމުންނެވެ.
ގާޒާ ސިޓީގައި މަސައްކަތް ކުރާ ސައިކޮލޮޖިސްޓެއް އަދި ސޯޝަލް ވޯކަރެއް ކަމަށްވާ ނެވިން އަދުނާން ވިދާޅުވީ އާންމުގޮތެއްގައި އަންހެނުންގެ ނަފްސާނީ އަދި ޖިސްމާނީ އަލާމާތްތައް ޕީރިއަޑްގެ ކުރީ ދުވަސްތަކުގައްޔާއި ޕީރިއަޑްގެ މުއްދަތުގައި ކުރިމަތިވެދާނެ ކަމަށާއި އޭގެ ތެރޭގައި މޫޑަށް އަންނަ ބަދަލުތަކާއި ބަނޑާއި ބުރަކަށީގައި ރިއްސުން ފަދަ އަލާމާތްތައް ފެނިދާނެ ކަމަށެވެ.
އަދުނާން ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފަދަ ސްޓްރެސް ގެ ވަގުތުތަކުގައި މި އަލާމާތްތައް އިތުރަށް ގޯސްވެދާނެއެވެ. "އަމިއްލަ ގެ ދޫކޮށް އެހެން ތަންތަނަށް ހިޖުރަ ކުރަން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، އެކަމުގެ އަސަރު އަންހެނާގެ ހަށިގަނޑަށާއި އޭނާގެ ހޯމޯންތަކަށް ވެސް ކުރާނެ" އޭނާ ކިޔައިދިނެވެ.
އަދި ބަނޑާއި ބުރަކަށީގައި ރިއްސުމާއި ބޮޑުކަމު ދެވުމާއި ހޮޑުލެވުން ފަދަ ޖިސްމާނީ އަލާމާތްތައް އިތުރުވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުނާން ވިދާޅުވި ގޮތުގައި އަންހެނުންނަށް ނިދަން އުނދަގޫވުމާއި، ނުތަނަވަސްކަމާއި، ކަންކަމާ މެދު މާ ބޮޑަށް ވިސްނުން ކުރިމަތިވެދާނެއެވެ.
އޭނާ ވިދާޅުވީ ސާފުތާހިރުކަމާއި ޕްރައިވެސީ އާއި ސިއްހީ އުފެއްދުންތައް ނުލިބުމުގެ ސަބަބުން ލަދުވެތިކަމުން ސަލާމަތްވުމަށް ޓަކައި ޕީރިއަޑް ޑިލޭކުރާ ބޭސްތައް ބޭނުން ކުރުމަށް ގިނަ އަންހެނުން މިހާރު ހިޔާރުކުރާ ކަމަށެވެ.
އަދުނާން ވިދާޅުވީ އާންމު ހާލަތްތަކުގައި މި ބޭސްތައް ނެގުމުގެ ކުރިން ޑޮކްޓަރަށް ދެއްކުމަކީ އަންހެނެއްގެ ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މުހިންމު ކަމެއް ކަމަށެވެ.
"އޭގެ ސަބަބުން އަންހެން މީހާގެ ގުދުރަތީ ހޯމޯނަލް ބަދަލުތަކާއި ޖެހިގެން އަންނަ މަހު މައްސަރު ދުވަސް ވާ ތާރީހާއި ލޭ ފައިބާ މިންވަރަށް އަސަރު ކޮށްފާނެ." އޭނާ ބުންޏެވެ.
ޕްރައިވަސީ، ފެން އަދި ސެނިޓަރީ ބާވަތްތައް ލިބޭކަށް ނެތް
ހާން ޔޫނިސްގެ ހުޅަނގުން އދ އިން ހިންގާ ސްކޫލެއްގައި އާއިލާއާ އެކު ގެދޮރު ގެއްލިފައިވާ ސަމީރާ އަލް ސާދީ އެދެނީ މީގެ މަސްތަކެއް ކުރިން އަލަށް ޕީރިއަޑްވި އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅަށް ލުއިތަކެއް ހޯދައި ދެވޭތޯއެވެ.
އުމުރުން 55 އަހަރުގެ ސަމީނާ ބުނި ގޮތުގައި ދާދި ފަހުން މައްސަރު ޕީރިއަޑް ވާން ފެށުމާއި މީހުން ތޮއްޖެހިފައިވާ ހިޔާއެއްގައި ދިރިއުޅެން މަޖުބޫރު ވެފައި ވުމުން އޭނާގެ އަންހެން ދަރިފުޅަށް ދަތިތަކާ ވަނީ ކުރިމަތި ވެފައެވެ. ސާފުތާހިރުވުމަށް ފެނާއި ޕެޑު ބޭނުންވި ނަމަވެސް މި އަސާސީ ބޭނުންތައް ލިބޭކަށް ނެތެވެ.
ސަމީރާ ކަންބޮޑުވަނީ އޭނާގެ އަންހެން ދަރިފުޅު ޕީރިއަޑް ލަސްކުރާ ބޭސް ބޭނުންކޮށްފިނަމަ ދަރިފުޅުގެ ސިއްހަތަށް އޭގެ އަސަރު ކުރާނެ ގޮތަކާ މެދުއެވެ.
"އަހަރެން ދަރިފުޅަށް އެހީވާން ބޭނުންވި ނަމަވެސް، އެހީވެވޭނެ ގޮތެއް އަހަންނަކަށް ނޭނގޭ."
ރުބާ ސެއިފް ވެސް ދިރިއުޅެމުން އަންނަނީ އާއިލާއާއެކު ހިޔާގައެވެ.
"އަމިއްލަ ޕްރައިވެސީއެއް ނެތް. ފާހާނާތަކުގައި ފެނެއް ނެތް. ބޭރަށް ގޮސް ބޭނުންވާ އެއްޗެހި ހޯދުމަކީ ފަސޭހަ ކަމެއް ނޫން." އުމުރުން 35 އަހަރުގެ ޒުވާނާ ބުންޏެވެ.
"މި ބިރުވެރިކަމުގެ ތެރޭގައި ޕީރިއަޑްގެ ސަބަބުން ވާ ތަދު ތަހައްމަލުކުރަން ވަރަށް އުނދަގޫ. ރަނގަޅަށް ނިދި ނުލިބޭ. އެކަށީގެންވާ ވަރަށް ރަޖާގަނޑު ނެތުމުން ގިނަ ރޭރޭ ހޭދަކުރަން ޖެހެނީ ފިނީގައި ތުރުތުރު އަޅައަޅާ."
މި ހާލަތުގައި ޕީރިއަޑް ދުވަސްތައް ތަހައްމަލުކުރުމާ މެދު ވިސްނިޔަސް ރުބާ ނުތަނަސް ވާކަމަށް ބުންޏެވެ.
ހަތަރު ދަރިން ބެލެހެއްޓުމުގައި އަވަދިނެތި އުޅެމުން އަންނަ ރޫބާ އެންމެ ފަހުން އޭނާގެ ކޮއްކޮގެ ކިބައިން އެދުނީ ޕީރިއަޑް ލަސްކުރާ ބޭސްތައް ހޯދުމަށެވެ. ގިނަ ފާމަސީތައް ބަލައި ފާސްކުރުމަށް ފަހު އެންމެ ފަހުން އެތަކެތި ލިބުނެވެ.
"ސްކޫލުގައި އަހަރެމެންނާއެކު ތިބި އެހެން އަންހެނުން ވެސް މި ބޭސްތަކަށް އެދުނު." ރުބާ ކިޔައިދިނެވެ. "އޭގެ ތެރެއިން އެކަކު ބުނީ ހަޔާތުގެ އެންމެ އުނދަގޫ ޕީރިއަޑް ދުވަސްތައް ފާއިތުވެގެން ގޮއްސި ކަމަށް. އަދި މި ބޭހުގެ ނޭދެވޭ އަސަރުތައް އިނގޭ ނަމަވެސް މި ބޭސްތަކަކީ އަޅުގަނޑުމެންގެ ވަށައިގެން ވާ މިސައިލާއި، މަރުވުމާއި ހަލާކުވުމަށްވުރެ ގެއްލުން ބޮޑު އެއްޗެއް ނޫން ކަމަށް."
ދީރް އަލް ބަލާ ރެފިއުޖީ ކޭމްޕަށް އެނބުރި ވަޑައިގެން ސަލްމާ ހިތާމަ ކުރައްވަނީ ހަނގުރާމައިގެ ސަބަބުން އަންހެނުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކާމެދު ކަމަށާއި، ގިނަ ބަޔަކު ތިބީ ހަމައެކަނި މައްސަރުގެ ސިއްހަތު ފަދަ ކަންބޮޑުވުންތަކުގެ އިތުރުން ހިމާޔަތާއި ޔަގީންކަމާއި އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ވަސީލަތެއްގެ ގޮތުގައި ދެކޭ ދަރިން ބަލަހައްޓާނެ ގޮތަކާ މެދު ވެސް ކަންބޮޑުވެފައި ކަމަށެވެ.
"ހަނގުރާމައިގައި އަޅުގަނޑުމެންނަށް މަޖުބޫރުވަނީ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން." ހިތާމައިގެ ހާލަތަށް އިޝާރާތް ކުރައްވައި ސަލްމާ ބުންޏެވެ.