ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ދަތުރުކުރަމުން ދިޔަ ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންނާއި ފުލުހުން ގުޅިގެން ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.

ޒަކަރިއްޔާ މިހާތަނަށް ފެނިފައިނުވާއިރު، ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބަލާފައެވެ.

ޒަކަރިއްޔާ ގައްދޫ އިން ފުރާފައި ވަނީ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ. އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެދުހުގެ ހަވީރު 17:05 ހާއިރެވެ.

ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށާއި، ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރުތައް ނޫނީ ނުކުރުމަށް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.