ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ މި ހަފްތާގައި ތިންވަނަ ފަހަރަށް އެޖެންޑާކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހަށެވެ. އޭގެ ފަހުން މި މައްސަލަ އިއްޔެ ވެސް އެޖެންޑާކުރިއެވެ. ނަމަވެސް ޑެންގޫ ހުން ޖެހިވަޑައިގަތުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މި ދެ ދުވަހު ވެސް ސަލާމް ވިދާޅުވެފައެވެ.
އެންމެ ފަހުން ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރީ މާދަމާ އަށެވެ. ނަމަވެސް އީވާ މާދަމާ ވެސް ސަލާމުގައި ހުންނެވުމުން މާދަމާގެ ޖަލްސާ ވެސް ކެންސަލް ކުރީއެވެ.
މަޖިލީހުގެ މެންބަރުންނަށް އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މިކަން އަންގަވައި މެންބަރުންނަށް މިރޭގެ ވަގުތެއްގައި ސިޓީ އެއް ފޮނުއްވައިފައެވެ.
މަޖިލީހުގެ 205 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅައިފި ނަމަ، އެހެން ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ގައެވެ. ހަމަ އެ މާއްދާގެ (ބ) ގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ، ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމޭހާ ހިނދަކު މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި އެމްޑީޕީން ވަނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އީވާ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފައެވެ. އެ ކޯޓުން ވަނީ ހޯމަ ދުވަހު އެ މައްސަލަ ބަލައިގެންފައެވެ.