މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ، މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަޒޯނެއްގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެ ކަމުގެ ގަވާއިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަން އެ ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްގީކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުން، އަދި މާލޭ ހުކުރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުކުރުމާއި، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ލިބި ފަތުރުވެރިކަމުގެ އާ ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، ޢިގްތިސާދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަންހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނޭ ކަަމަށެވެ.

އެގޮތުން އެ ޒޯން ކަނޑައަޅާފައިވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް އުލޫމްގެ އިތުރުން ޖުމްހޫރީ މައިދާން ވެސް ހިމެނޭ ގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މާލޭގެ ދުވަސްވީ ތަރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަހައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ގަވާއިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ..