ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީގެ ގޮތުގައި އަންނަ އަހަރު 210.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.

މިނިސްޓްރީން ބުނީ، އިމާރާތުކުރުމުގެ ސިނާއަތު ހިމެނޭހެން، އެކިއެކި އިގުތިސާދީ ދާއިރާތަކަށް އަންނަ ކުރިއެރުމާއެކި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 16.1 ޕަސެންޓު އިތުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މި ފީގެ ގޮތުގައި 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 210.6 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ބިދޭސީން ވަޒީފާ އަށް ގެނައުމުގެ ކޯޓާ އަށް އެދި ހުށަހެޅުމުން، ކޯޓާ ފީގެ ގޮތުގައި 12 މަސް ދުވަހުގެ މުއްދަތަށް 2،000 ރުފިޔާ މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދައްކަން ޖެހެއެވެ.

ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދެއް ހަދައި އަމަލު ކުރަން ފެށީ 2020 ގެ ނޮވެމްބަރު މަހުއެވެ. ބިދޭސީންގެ އާ ގަވައިދުގެ ދަށުން ފީގެ ކަންކަން ބަލަހައްޓަން ހެދި އެކްސްޕެޓް ސިސްޓަމް ބޭނުން ކުރަން ފެށީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މި ސިސްޓަމަށް މެދުވެރިކޮށް މިދިޔަ މާޗު މަހުން ފެށިގެން ކޯޓާ ފީ ދަނީ ބަލަހާ ގަންނަމުންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގެ މައްސަލަ ބޮޑުވެފައިވާއިރު 2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންވަނީ އެ ފަދަ ފަރާތްތައް ހޯދާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެެވެ. އަދި ކޮވިޑްގެ ދުވަސްވަރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 18،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް ރާއްޖޭގައ މަސައްކަތްކުރަމުންދާ ބިދޭސީން ގަވައިދުތަކާއި އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމަށް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.