ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ހުއްޓުވައިގެން އެމްޑީޕީ އިން މަސައްކަތް ކުރަމުން ދަނީ އަންނަ އާ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގާ ދިޔަ ކަންކަމާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު މަޖިލީހުގައި ހިނގާ ދިޔަ ކަންކަން ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކުރާކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ރޭވިފައި އެބަހުރި ކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ކަންކަން ވެސް ކުރަން އެބަހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ފަރާތުން މަސައްކަތް ކުރަމުން ގެންދަނީ އިންތިހާބީ ރައީސް އަދި ދެން އަންނަ ސަރުކާރުގެ ކަންކަން ވިޔަ ނުދިނުމުގެ ވިސްނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވީ ތަފާތު ގޮތްގޮތުން ރައްޔިިތުންގެ މަޖިލީސް ހުއްޓުމަކަށް ގެނެވޭތޯ އެ ޕާޓީގެ މެންބަރުން ކުރަމުންދާ މަސައްކަތެވެ.
މިއަދުގެ ޖަލްސާގައި ތަވާލްކޮށްފައި އޮތް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ކުރިއަށް ނުގެންދެވުމަކީ ނުވަތަ އެ ބަޖެޓު ފާސްނުވެ އަންނަން އޮތް ސަރުކާރަށް ކުރަން ހުރި ކަންކަން ނުކުރެވޭނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އިން ކުރަމުން ގެންދާ އެ ކަންކަން ހުއްޓުމަކަށް ގެނައުމަށް އެމްޑީޕީގައި ތަކުރާރުކޮށް އެކިފަހަރު މަތިން އެދެމުން ދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް ފަހު ދެން އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ގަވާއިދުގައި ބުނާ ކަމަށް އެމްޑީޕީ އިން ބުނާ ބުނުމަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ. އަދި މަޖިލީހަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ހުށަހެޅި ފަހަރު އެ މައްސަލަ އޮއްވާ މަޖިލީހުގައި ބައިވަރު ކަންކަން ނިންމާފައި އެބަހުރި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކެބިނެޓުގެ ވަޒީރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އަދިވެސް މި ސަރުކާރުގެ ބާރުގައި ނުވަތަ ދައުލަތުގެ ފައިސާ އެބޭފުޅުންނަށް ލިބޭނީ ކޮން ގޮތަކުންކަން ހޯއްދެއްވުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްޑީޕީއިން އުޅެނީ ސަލާމަތްވާނެ ގޮތެއް ނޭނގިގެން ކަމަށާއި ނޫންނަމަ މި ދަނޑިވަޅުގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.