ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ ގަރާރު އެޖެންޑާ ނުކުރާތީ، މިއަދުގެ ޖަލްސާ ފެށުމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ހުރަސްއަޅުމުން ޖަލްސާ މެދު ކަނޑާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތަށް ވަޑައިގަތުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަސައްކަތް ކުރެއްވުމުން އެމްޑީޕީގެ މެންބަރުން ވަނީ ހުރަސް އަޅާފަ އެވެ. އަދި ދުންމާރިީގެ އަޑާއެކު މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެއާއެކު މަޖިލިސް ކުރިއަށް ގެންދެވޭ ގޮތް ނުވެ ވަނީ ވަކި ގޮތެއް ނާންގާ ވަނީ ޖަލްސާ މެދުކަނޑާލައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމެވެ. ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރު ވަޑައިގަންނަވަން ޖެހިވަޑައިގަތަސް މިއަދުގެ ޖަލްސާ އަށް އަމީރު ވަޑައިނުގަންނަވާނެ ކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އަމީރު މިއަދުގެ ޖަލްސާ އަށް ވަޑައިނުގަންނަވަން ނިންމެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އޮއްވާ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިރުޝާދުގެ މަތިންނެވެ.

މިހާރު ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ނުނިންމައި، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓު ހުށަހަޅާތީ އެ މަސައްކަތަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް އިއްޔެ \ވިދާޅުވެފައި ވެއެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކުރި ދެ ޖަލްސާ ވެސް ކެންސަލްކުރަން ޖެހުނީ ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ދެ ދުވަހުގެ ޖަލްސާ އަށް ސަލާމް ވިދާޅުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ވާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ.

ހަމަ އެ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް ފަހު މަޖިލީހަށް ހުށަހެޅިފައިވާ އެހެން ކަމަކާ މެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ. އެހެންކަމުން ޖަލްސާތައް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާ އަށް އެ ގަރާރު ހުށަހެޅިފައެއް ނެތެވެ.