ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެ މަގާމުން ނަޝީދު ވަކިކުރުމަށް އެދި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި އެ އެޖެންޑާގައި އެ ގަަރާރު ހިމެނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ނަޝީދު ވަކިކުރުމަށް ހުށަހަޅި ގަރާރު އެޖެންޑާ ކޮށްފައި ވީ ނަމަވެސް އެ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމައި އެ ޖަލްސާ ވަނީ ނިންމާލާފައެވެ. އެއަށް ފަހު މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެ ގަރާރު ހިމަނާފައި ވީ ނަމަވެސް މިއަދުގެ ޖަލްސާވެސް ވަނީ ކެންސަލް ކޮށްފައެވެ. އެކަން މަޖިލީހުގެ މެންބަރުންނަށް އަންގާފައި ވަނީ މިއަދު ހެންދުނުގެ ވަގުތެއްގައެވެ.

ނަޝީދު ވަކިކުރުމަށް އެދި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި އަސްލަމް ފޮނުއްވި ސީޓިގައި ވިދާޅުވެފައި ވަނީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި އެ ގަރާރު އެޖެންޑާ ކޮށްފައި އޮތް ނަމަވެސް އެ ޖަލްސާ ކެންސަލް ކޮށްފައިވާ އިރު، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގައި ބަޔާންކޮށްފައިވާ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެއީ ހުށަހަޅަން ޖެހޭ ގަރާރެއް ކަަމަށެވެ. އަދި މަޖިލީހުން ވަނީ އަނެއް ދުވަހުގެ ޖަލްސާއަށް އެ ގަރާރު އެ ޖެންޑާ ކުރާނެ ކަމަށް ބުނެފައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާ އިރު، މާދަމާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި އިރު އެ ޖަލްސާގައި އެ ގަރާރު އެޖެންޑާ ކޯށްފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މާދަމާގެ އެޖންޑާއަށް އެ ގަރާރު ހިމެނުމަށްފަހު އަލުން އެޖެންޑާ ފޮނުވުމަށް އަސްލަމް ފޮނުއްވި ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ވެސް އިއްޔެ އަސްލަމް މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އިއްޔެގެ ހެނދުނު 9:00 ގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ކެންސަލްވި ކަން މެންބަރުންނަށް އަންގާފައި ވަނީ ހެނދުނު 6:30 ގައި ކަމަށެވެ. އެހެންކަމުން އެ ޖަލްސާ ކެންސަލް ކުރެއްވީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ އާއި އެ ޖަލްސާ ކެންސަލް ކުރުމަށް ނިންމީ ކޮން ބޭފުޅެއް އަންގަވައިގެން ކަން ސާފުކޮށް ދިނުމަށް އަސްލަމް އެދިވަޑައިގެންފައި ވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަަމަށް ނިންމާ އެމްޑީޕީގެ މެންބަރުން، ރައީސް ނަޝީދު އެ މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހަޅާފައި ވާއިރު، އެ މައްސަލަަ ނުނިންމައި އިތުރު ކަމެއް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދޭނެ ކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ. އަދި ނަޝީދު ރިޔާސަތުގައި ހުންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ޛާގަ ނުދެއްވާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓް ނިންމުމުގައި ވެސް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށް ވަނީ ބުނެފައެވެ.