މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް، މަސްޖިދުލް ހަރަމް ތެރޭގައި މާބަނޑު އަންހެނަކު ވިހައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު މައްކާ ގަޑިން 12 ޖަހާކަންހާ އިރުއެވެ. ބޭރުގެ މީޑިއާތައް ރިޕޯޓު ކޮށްފައިވާ ގޮތުން އެ އަންހެން މީހާއަކީ ދުވަސް ފުރާ ވިހަން ވެފައި އިން މީހެއް ކަމަށާއި އޭނާ ވިއްސުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެމެޖެންސީ ހާލަތުގައި ކަމަށެވެ.
އަންހެން މީހާ އަށް ވިހަން އުޅޭ ކަމުގެ އިހުސާސް ކުރެވި ސައުދީގެ ސިއްހީ އެމަޖެންސީ އަށް ގުޅުމުން ރެޑް ކްރެސެންޓްގެ މެޑިކަލް ޓީމެއް އެތަނަށް ދިޔައިރު ފެންދުލި ފަޅައިގެން ގޮސް ތުއްތު ކުއްޖާގެ ބޯ ވަނީ ނުކުމެފައި ކަމަށް ބުނެއެވެ. އެއާއެކު މިސްކިތްތެރޭގައި ވަގުތުން ވިއްސީ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވިހެއުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިހާރު ތުއްތު ދަރިފުޅާއި މަންމަ، ބާބު ޖިބްރީލް ސިއްހީ މަރުކަޒަށް ގެންގޮސް އިތުރު ޓެސްޓުތައް ހަދަމުންދާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މުސްލިމުންގެ އެންމެ މުގައްދަސް ބިން ކަމަށްވާ މައްކާގެ އިތުރުން މަދީނާގެ މިސްކިތްތަކުގައި ވެސް މީގެ ކުރިން މާބަނޑު އަންހެނުން ވިހެއުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން ހުސްވި އަހަރު ތެރޭގައިވެސް އަންހެނަކު ވަނީ ރަސޫލާގެ މިސްކިތުގެ ގޯތި ތެރޭގައި ވިހާފައެވެ. އެފަހަރުވެސް މާބަނޑު އަންހެން މީހާއަށް އެހީތެރިކަން ފޯރު ކޮށްދީފައި ވަނީ ސައުދީ އަރަބިއްޔާގެ ރެޑް ކްރެސެންޓުންނެވެ.
މިސްކިތުގައި އާންމު ގޮތެއްގައި ވިއްސަނީ ކައިރި ހޮސްޕިޓަލަކަށް ގެންދެވޭ ވަރަށް ވުރެ ވަގުތު ކުޑަތަން ވެފައިވާ ހާލަތްތަކުގައި އެކަންޏެވެ.