މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ޖެހުނު މޫސުމަކީ މައްކާގެ ބައެއް ސަރަހައްދުތަކަށް ހޫނުމިން 51 ޑިގްރީ ސެލްސިއަސް އަށް އަރާފައި ވާ މޫސުމުކެވެ.
ދުނިޔޭގެ އެތައް ގައުމަކުންނާއި އަދި ސައުދީގެ ރައްޔިތުން ހިމެނޭހެން ޖުމްލަ 1.8 މިލިއަން މީހުން މިއަހަރު ހައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވި އިރު، ދިމާވެދާނެ ސިއްހީ ހާލަތަކަށް ސައުދީގެ ސަރުކާރުން އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ހޫނު ގަދަވުމާއެކު ގަދަ ހޫނުން ސަލާމަތް ވެ ތިބުމަށް ކެނޑިނޭޅި އިތުޝާދު ދެމުން ގެންދިޔައެވެ. ނަމަވެސް ހައްޖުގެ އަޅުކަމުގައި ބޮޑުބައި ނުވަތަ ގިނަ ވަގުތު ހޭދަކުރަން ޖެހެނީ ހާމައަށް އޮންނަ އުޑުދަށުގައި ކަމަށް ވުމާއި ހޫނު ގަދަވުމުގެ ސަބަބުން ދިމާވި އެކިއެކި މައްސަލަތަކުގައި 78،000 މީހަކަށް ފަރުވާ ދިން ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ހީޓް ސްޓްރޯކް ޖެހި 550 މީހަކު މަރުވި ކަމަށް އޭއެފްޕީން ރިޕޯޓް ކޮށްފައި ވަނީ ސައުދީގެ ޑިޕްލޮމޭޓަކާ ހަވާލާދީ ނަމަވެސް ޑިޕްލޮމޭޓުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި އަދަދަށް މީހުން މަރުވިކަން ސައުދީގެ ރަސްމީ އެއްވެސް ނޫސް އިދާރާއަކުން ހާމަކޮށްފައެއް ވެސް ނުވެއެވެ.
އޭއެފްޕީއާ ހަވާލާދީ ފްރާސްން 24، ދަ ގާޑިއަން، ޔޫރޯ ނިއުސް، ބީބީސީ، ސީއެންއެން، އެފްރިކާ ނިއުސް އަދި ވޮޝިންގްޓަން ޕޯސްޓް ފަދަ އިދާރާތަކުން ބުނެފައި ވަނީ، މަރުވި މީހުންގެ ތެރޭގައި ގިނައީ މިސްރާއި އުދުރުން އަދި އައްމާން އަށް ނިސްބަތްވާ މީހުން ކަމަށެވެ.
އެގޮތުން މިސްރުގެ 230 މީހަކު، އުރުދުންގެ 60 މީހަކު އަދި އައްމާން އަށް ނިސްބަތްވާ 41 މީހަކު ހިމެނޭކަމަށް ބުނެފައި ވެއެވެ.
ބާކީ ހިމެނެނީ ކޮން ގައުމުތަކެއްގެ ރައްޔިތުން ކަމެއް ހާމަ ކޮށްފައި ނުވި ނަމަވެސް ޑިޕްލޮމޭޓުންނާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ، އަލް މުއައިސަމްގައި ހުންނަ މޯގު މިއަހަރު ފުރިފައިވަނީ ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮށް ހޫނު ގަދަވެ ހީޓް ސްޓްރޯކް ޖެހުނު މީހުންގެ ހަށިތަކުން ކަމަށެވެ.
މައްކާގައި ހުންނަ ހަރަމް ގައި މިދިޔަ ހޯމަ ދުވަހު ހޫނުމިން ހުރީ 51.8 ޑިގްރީ ސެލްސިއަސް (125 ފެރަންހައިޓް) ގައެވެ.
މިސްރުގެ އިދާރާތަކުން ބުނެފައި ވާ ގޮތުގައި، ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮށް ގެއްލިގެން ރިޕޯޓު ކުރި މީހުން ހޯދާ ދެނެގަތުމުގެ މަސައްކަތް އެގައުމުގެ އިދާރާތަކުން ސައުދީގެ އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އަދި ބަޔަކު މަރުވި ކަމަށް ބުނެފައި ވީ ނަމަވެސް އެމީހުންގެ ތެރޭގައި މިސްރުގެ ހައްޖާޖީން ހިމެނޭކަމަށް އެގައުމުން ބުނެފައެއް ނުވެއެވެ.
މިދިޔަ އާދީއްތަ ދުވަހު ސައުދީގެ އިދާރާތަކުން ބުނެފައި ވާ ގޮތުގައި ހީޓް ސްޓްރޯކް ޖެހިގެން 2000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ.
މިދިޔަ އަހަރުވެސް ހައްޖު މޫސުމުގައި ހީޓް ސްޓްރޯކް ޖެހި 240 މީހަކު މަރުވިއެވެ. އެ ފަހަރު ގިނައީ އިންޑޮނީޝިއާ އަށް ނިސްބަތްވާ މީހުންނެވެ.
މައްކާގައި ތިބި އޭއެފްޕީގެ ރިޕޯޓަރުން ބުނެފައި ވާ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ފިނިކަން ހޯދުމަށް މީހުން ބޮލަށް ފެން އެޅުމާއި ކޯލްޑް ޑްރިންކްސް އާއި އަވަހަށް ދިޔާވާ ޗޮކްލޭޓް ފަދަ ފިނި އެއްޗެހި ބޭނުން ކުރަމުން ގެންދިޔައެވެ.
ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު މައްކާއަށް ދާއިރު އެހެން އަހަރުތަކެކޭ އެއް ގޮތަށް މިއަހަރުވެސް ފުރިހަމަ ލިޔެކިޔުން ނެތިވެސް ގިނަ ބަޔަކު މައްކާއަށް އެތެރެވި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެގޮތުން 250 މީހަކު ފާހަގަވެ އެމީހުން މައްކާއިން ބޭރުކޮށްލި ކަމަށް އިދާރާތަކާ ހަވާލާދީ ބޭރުގެ މީޑިއާތައް ބުނެއެވެ.
މިއަހަރު ހައްޖުގައި މީހުން މަރުވި ކަމަށް ރިޕޯޓު ކުރި އެހެން ގައުމުތަކުގެ ތެރޭގައި އިންޑޮނީޝިއާ، އީރާން އަދި ސެނެގާލް ހިމެނެއެވެ. މިގައުމުތަކަށް ނިސްބަތްވާ މީހުން މަރުވި އަދަދު ހާމަ ކޮށްފައި ނުވާ އިރު، ރާއްޖެއިން ހައްޖަށް ދިޔަ 1150 މީހުންގެ ތެރެއިން އެކަކު ތަބީއީ މަރަކުން ވަނީ މަރުވެފައެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.