އަލްހިޖްރަ ގުރޫޕުގެ ހަވާލުގައި އުމުރާގެ މަތިވެރި އަޅުކަމަށް ދިޔަ އުމްރާވެރިން މާދަމާ ރާއްޖެ ގެނެއުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެ ގުރޫޕުގެ ހަވާލުގައި ދިޔަ 24 މީހުން ހާޅުގައި ޖެހި، ހައްޖު ކޯޕަރޭޝަންގެ އެހީގައި ގެނެއުމަށް ނިންމަވާފައިވާކަން ޝަހީމް އިއުލާން ކުރެއްވީ އިއްޔެ އެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޝަހީމް ވިދާޅުވީ ލުގައި ޖެހުނު އުމްރާވެރިން މި މަހު 10 ގައި މާލެ ގެނެއުމުގެ މަސައްކުރަމުންދާ ކަމަށެވެ.
އަދި އެމީހުން ތިބިހޮޓަލުން ނިކުންނަން ޖެހުމާއެކު ފުރުމުގެ ކަންކަން ހަމަޖެހެންދެން ތިބޭނީ ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެ ގުރޫޕުގައި 12 އަހަރުގެ ތިން ކުދިން ތިބިކަން ފާހަގަ ކުރައްވާ އިތުރަށް ޝަހީމް ވިދާޅުވީ އެ މީހުންނަށް ކެއުން ބުއިމުގެ ހުރިހާ އިންތިޒާމް ތަކެއްވެސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހަމަޖައްސާދޭނެ ކަމަށެވެ.
މީގެ އިތުރުން އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން މިއަދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގްރޫޕުން ވިސާއަށް ހުށަހެޅުން ލަސްވުމުގެ ސަބަބުން ޑިސެމްބަރުމަހު އުމްރާވެރިންނަށް މައްކާއަށް ދެވިފައިވަނީ ވެސް ލަހުންނެވެ. އަދި އެ ގުރޫޕުގެ ހަވާލުގައި އުމުރާގެ އަޅުކަމަށް ގޮސް ހުރި މީހަކު ސޯޝަލް މީޑިއާގައި އެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބުނީ އެމީހުން ރާއްޖެއިން ފުރުމުގެ ކަންތައް ދިޔައީ ވަރަށް ހާލުގައި ކަމަށާއި މައްކާގައި ތިއްބާ އެއް ރޭ ދަންވަރު ހޮޓަލުންވެސް ބޭރު ކޮށްލި ކަމަށެވެ.
"އެއްވެސް މީހަކަށް ރިޓާން ޓިކެޓެއް މި މީހުން ނުދޭ، އަދި ޓިކެޓް ނުވެސް ނަގާ އަދިވެސް، ޗުއްޓީ ހަމަވެގެން ޑިއުޓީއަށް ދާން ޖެހޭ ބަޔަކު ޑިއުޓީއަށް ނުދެވިފައި މިތިބީ، ސްކޫލް ހުޅުވިގެން ކިޔަވަން ނުދެވިފައި ކުޑަކުދިން އެބަ ތިބި.". އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި ވެއެވެ.
އެކަމާ ގުޅިގެން ޝަހީމް ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި އިސްލާމިކް މިނިސްޓްރީން އެހީވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.