ސައުދީ އަރަބިއްޔާގެ މައްކާއާއި އެހެނިހެން ބައެއް ސަހަރުތަކަށް ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން، އެ ގައުމުގެ ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށް ސިވިލް ޑިފެންސުން އިންޒާރުގެ މެސެޖުތަކެއް ފޮނުވައިފިއެވެ.
ސައުދީ ސިވިލް ޑިފެންސުން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު މި އިންޒާރުތައް ނެރެފައިވަނީ މައްކާގެ އިތުރުން ރަތް ކަނޑުގެ އައްސޭރީގައިވާ ޔަންބޫ، ޖިއްދާ، ތަބޫކް އަދި ތާއިފް ސަރަހައްދަށެވެ. ނަމަވެސް އިންޒާރު ނެރުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި އެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އިންޒާރުގެ ވަގުތުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ސިވިލް ޑިފެންސުން އާންމުކުރިއެވެ. އެ އިދާރާއިން އެދުނީ އާންމުން ހާސްނުވެ، ރަސްމީ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، އިމާރާތްތަކުގެ އެތެރެއަށް ނުވަތަ ކުޑަދޮރުތަކާ ދުރުގައިވާ ރައްކާތެރި ތަންތަނަށް ވަނުމަށެވެ. އަދި ނުރައްކާ ފާއިތުވަންދެން ބޭރަށް ނުނިކުތުމަށާއި، ހާމަ ތަންތަނާއި ބިއްލޫރިގަނޑުތަކާއި ބެލްކަނީތަކުގެ އިތުރުން ފުރާޅުތަކާ ދުރުގައި ތިބުމަށްވެސް އަންގާފައިވެއެވެ. މީގެ އިތުރުން ބޭރުގައި އުޅޭ މީހުން އެންމެ ކައިރީގައި ހުރި އިމާރާތަކަށް ވަނުމަށް ނުވަތަ ހަރުދަނާ ނިވާގަނޑެއްގެ ފަހަތަށް ވަނުމަށް އިރުޝާދު ދީފައިވެއެވެ.
މަގުމަތީގައި އުޅަނދު ދުއްވާ މީހުން ބްރިޖުތަކާއި އުސް އިމާރާތްތަކާ ދުރުން މަގުގެ އެއްފަރާތަކަށް އުޅަނދު މަޑުކުރުމަށް ސިވިލް ޑިފެންސުން އިރުޝާދު ދިނެވެ. އަދި ނުރައްކާތެރި ސަރަހައްދުތަކަށް ގޮސް ފޮޓޯ ނުނެގުމަށާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ މައްކާ، މަދީނާ، ރިޔާޒް އަދި އިރުމަތީ ޕްރޮވިންސްގައި އުޅޭ މީހުން 911 އަށް ގުޅުމަށާއި، އެހެން ސަރަހައްދުތަކުން 998 އަށް ގުޅުމަށް އެދިފައިވެއެވެ.
މި އިންޒާރުތަކާ ގުޅިގެން ސައުދީ އިސްވެ އޮވެ ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަނުން ބުނީ، ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި 6 ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ. ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ވައިގެ ދިފާއީ ނިޒާމުން ވަނީ ތާއިފް އަދި ޔަންބޫއަށް ދޭން އުޅުނު ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައެވެ. އަދި ޓެރަރިސްޓު ހޫތީންގެ މި އަމަލުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ހަމަލާތައް ނާކާމިޔާބުކޮށްލުމުގެ ތެރޭގައި އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ފަހަކަށް އައިސް ސައުދީ އަރަބިއްޔާގައި މިފަދަ އިންޒާރުތައް ނެރެނީ އީރާނުގެ މަދަދު ލިބޭ ހޫތީންގެ ޑްރޯން ނުވަތަ މިސައިލް ހަމަލާތަކެއް އައުމުގެ ކުރިންނެވެ. ފާއިތުވި ހަފުތާގައި ސައުދީ ސަރުކާރުން ވަނީ، 2017 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ހޫތީން މައްކާއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކޮށްފައެވެ. ސައުދީން ބުނި ގޮތުގައި އެ ޑްރޯން ވަނީ ވައްޓާލާފައެވެ. ނަމަވެސް ހޫތީން ވަނީ މި ތުހުމަތު ދޮގުކޮށްފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހޫތީން ވަނީ ސައުދީގެ ވެރިރަށް ރިޔާޒަށް ހަމަލާއެއް ދީފައެވެ. މިއީ އެތައް އަހަރަކަށްފަހު ރިޔާޒަށް ދިން ފުރަތަމަ ހަމަލާއެވެ.
2015 ވަނަ އަހަރުން ފެށިގެން ސައުދީ ކޯލިޝަނާއި ހޫތީންނާ ދެމެދު ހަނގުރާމަ ހިނގަމުންދާއިރު، ފަހަކަށް އައިސް ހޫތީން ވަނީ ސައުދީއަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. މި މަހުގެ ކުރީކޮޅު ހޫތީން ވަނީ ސައުދީގެ ތެޔޮ އެކްސްޕޯޓުކުރުމަށް މުހިންމު މަގަކަށްވާ ބާބުލް މަންދަބް ކަނޑުއޮޅިއާ ގުޅޭ މުހިންމު އައްސޭރިފަށުގެ ސަރަހައްދުތަކެއްގެ ކޮންޓްރޯލް ސައުދީއަށް ތާއީދުކުރާ ފައުޖުތަކުގެ އަތުން އަތުލާފައެވެ. މީގެ ސަބަބުން ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ މުހިންމު ދެ ކަނޑުއޮޅިއެއްގެ މައްޗަށް އީރާނާއި އެ ގައުމާ ގުޅިފައިވާ ފަރާތްތަކުގެ ބާރު ވަނީ ގަދަވެފައެވެ.
2022 ވަނަ އަހަރު ހޫތީންނާއި ޔަމަނުގެ ސަރުކާރާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން މި އަހަރުގެ ޖުލައި މަހު ވަނީ އުވިފައެވެ. މި އެއްބަސްވުން އުވުނީ، ސައުދީގެ ކޮންޓްރޯލް އޮންނަ ޔަމަނުގެ ވައިގެ ސަރަހައްދަށް ވަދެ، އީރާނުގެ މަތިންދާބޯޓެއް ސަންއާގެ އެއާޕޯޓަށް ޖެއްސުމަށް ހޫތީން ހުއްދަ ދިނުމާ ގުޅިގެންނެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން ސައުދީ ކޯލިޝަނުން ވަނީ ސަންއާ އެއާޕޯޓުގެ ރަންވޭއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އޭގެ ފަހުން ހޫތީން ރައްދުގައި ހަމަލާތައް ދީ، ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ކޮންޓްރޯލް ހޯދައި، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުމަގުން ހުރަސްތަކެއް ކުރިމަތިކޮށް، އެ ގައުމުގެ ތެޔޮ ޓޭންކަރުތަކަށާއި ސަރަހައްދުތަކަށް ހަމަލާދޭން ފެށިއެވެ.
ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ހޫތީން ވަނީ އެމެރިކާއަށްވެސް އިންޒާރެއް ދީފައެވެ. ހޫތީންގެ އަސްކަރީ މުޝީރު އަބްދު މުހައްމަދު އަލް-ސައުރު އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއްޔާއަށް ވައިގެ ހަމަލާތަކުން ނުވަތަ ވައިގެ މަގުން އެމެރިކާއިން އެހީތެރިވެއްޖެނަމަ، އެ ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދޭނެއެވެ. އަދި ބާބުލް މަންދަބް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން މަސައްކަތްކޮށްފިނަމަ އެއްވެސް ކަމެއް އިސްތިސްނާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
