ގާޒާއަށް އެހީވުމަށް ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓުން ހިންގަމުން އަންނަ ފަންޑް ރައިޒިން އިވެންޓަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ދީލަތި އެހީއެއް ވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ލޮބިވެތި މުސްލިމުންނާ އެކު ކަމަށާއި އެގޮތުގެ މަތިން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރެޑް ކްރެސެންޓް މެދުވެރިކޮށް 5 ލައްކަ ރުފިޔާގެ އެހީ ދީފައިވާ ކަމަށެވެ.

ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމުގެގޮތުން، ފަލަސްތީނުގެ ރެޑް ކްރެސެންޓަށް އެހީތެރިވުމަށް ދިވެހި ރެޑް ކްރެސެންޓުން އެމަޖެންސީ ފަންޑެއް ހުޅުވީ މިމަހު 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހަށެވެ. ނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާއި އެކި ފަރާތްތަކުގެ އެދުމުގެ މަތިން އެހީވުމުގެ މުއްދަތު ވަނީ އަންނަ މަހުގެ 12 އަށް އިތުރު ކޮށްފައެވެ.

ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރަން ހަމަޖެހިފައި ވަނީ، ގާޒާއަށް ދެމުންދާ ހަމަލާގައި ޒަހަމްވެފައިވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

ރެޑް ކްރެސްންޓް ފަންޑަށް މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ) ކިޔާ އަމިއްލަ ޖަމިއްޔާއަކުންވެސް ވަނީ ފަލަސްތީނަށް އެހީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފަންޑަށްވެސް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ވަނީ ލިބިފައެވެ. އަމިއްލަ ފަރުދުންގެ އިތުރުން ބޮޑެތި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް އެކި ހަރަކާތްތައް ހިންގާ ފައިސާ ހޯދަމުންނެވެ.