ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ބުދަ ދުވަހު ކުރިއަށް ގެންދާ ގޮތަށް ނިންމައި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ވެބްސައިޓުގައި މާދަމައަށާއި ބުދަ ދުވަހަށް އާންމުކުރި އެޖެންޑާގައިވާ ގޮތުން:

  • އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓަރީ ބަޖެޓު މާދަމާ ހުށަހަޅާނެ
  • ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ ބުދަ ދުވަހު ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ނޮވެމްބަރުގެ ފުރަތަމަ ދުވަހުގެ ކުރިން ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓު ހުށަހަޅައި، ދައުރު ނިމުމުގެ ކުރިން ބަޖެޓު ފާސްކުރަން ޖެހެއެވެ. 19 ވަނަ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ދައުރު ނިމޭނީ މި ފެށޭ ނޮވެމްބަރު މަސް ނިމުމުންނެވެ.

އެހެންކަމުން ނަޝީދު ވަކިކުރުމުގެ މައްސަލައިގެ ގަރާރު އިއްވައި އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ތާވަލުކޮށްފައި ވަނީ އޭގެ އަނެއް ދުވަސް ކަމަށްވާ ބުދަ ދުވަހަށެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދައި ގަރާރު ހުށަހަޅައިފިނަމަ، އެ މައްސަލަ ނިމުމުން ނޫނީ މަޖިލީހުގައި ދެން އިތުރު މަސައްކަތެއް ނުކުރެވޭނެއެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި އެންމެ ފުރަތަމަ އެޖެންޑާކުރީ އިއްޔެގެ ޖަލްސާއަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ވަނީ ސަލާމް ވިދާޅުވެފައެވެ. އެހެންވެ މިއަދަށް ތާވަލުކުރި ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ. މިކަމާ ގުޅިގެން އެމްޑީޕީން އިއްޔެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ މިއަދު ބަލައިގެންފައެވެ.