ފާމަސީތަކުން ބޭސް ދޫކުރާއިރު ބޭސް ގަންނަ ފަރާތުގެ ފޯނަށް ފޮނުވާ ޑިސްޕެންސިންގް ކޯޑު ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަަށް ހަމަޖައްސައިފި އެވެ.

އާސަންދައިން ބުނީ ހޮސްޕިޓަލަށް ދެއްކުމަށް ފަހު ހޮސްޕިޓަލްގައި ހުންނަ ބޭސް ފިހާރައިން ބޭސް ނުނަގާ، ބޭރުގައި ހުންނަ ފާމަސީއަކަށް ބޭސް ނަގަން ދާއިރު ހޮސްޕިޓަލްގެ ބެސް ފިހާރައިން ބޭސް ނެގިކަމަށް ދައްކާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން އެކަމަށް ހައްލު ހޯދާ ދިނުމުގެ ގޮތުން ގެނައި މި ބަދަލުގެ ސަބަބުން ބޭސް ނަގަން ދާ މީހާގެ ފޯނަށް ލިބޭ އޯޓީޕީ، ފާމަސިސްޓަށް ދިނުމުން ނޫނީ އާސަންދަ ޓްރާންސެކްޝަން ދެން ފުރިހާމަ ނުކުރެވޭނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

މި ބަދަލު މިހާތަނަށް ގެނައީ ހަމައެކަނި މާލޭގެ ފާމަސީތަކަށް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ބަދަލު ރަށް ރަށުގެ ފާމަސީތަކަށްވެސް ގެންނާނެ ކަމަށް އާސަންދައިން ވަނީ މައުލޫމާތު ދީފައެވެ. މީގެ ކުރިން ބޭސް ނަގާއިރު އައިޑީ ކާޑު ބޭނުންވިޔަސް މިހާރު ބޭސް ނަގާއިރު ބޭނުންވަނީ ހަމައެކަނި ބޭސް ސިޓީ އެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި ހުރިހާ ބޭސް ފިހާރައަކުން ވެސް ބޭސް ނަގާއިރު ފޯނަށް އަންނަ ޑިސްޕެންސް ކޯޑު ޖަހަން ޖެހޭނެއެވެ. އާސަންދައިގެ ދަށުން ބޭސް ދޫކުރާ އުސޫލަށް ބަދަލު ގެނެސްފައިވާއިރު އާސަންދައަށް މިއަހަރުގެ މިހާތަނަށް ކުރި ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.