ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ މެމްބަޝިޕް އިތުރުކުރުމުގެ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެ ޕާޓީން ބުނީ މެމްބަޝިޕް އިތުރުކުރުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 04:00 ގައި ޑިމޮކްރެޓްސްގެ މައި ހަރުގޭގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަ ބުރުގައި ވާދަކޮށް 15،000 އަށް ވުރެ ގިނަ ވޯޓު ހޯދާފައިވާ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ތިބީ 3،280 މެންބަރުންނެވެ. ދަ ޑިމޮކްރެޓްސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައިވަނީ މިއަހަރުގެ މެއި 24 ވަނަ ދުވަހުއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި ހަމަކޮށް އީސީ އަށް ހުށަހަޅާފައި ވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގެންނެވިއެވެ.

ޑިމޮކްރަޓްސް އުފައްދާފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިން ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހުއެވެ. ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި މިހާރު އޮތީ އެ ޕާޓީ ކަމަށް ވާއިރު މަޖިލީހުގެ ރިޔާސަތުވެސް ބަލަހައްޓަވަނީ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.