އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާއާ ގުޅިގެން އެ ގައުމަށް އެހީ ވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާފައިވާ އެމަޖެންސީ އެހީ ފަންޑުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 12 އަށް އިތުރު ކޮށްފިއެވެ.

ފަލަސްތީނުގެ ގާޒާއަށް ކުރިމަތިވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަ ދިނުމުގެގޮތުން، ފަލަސްތީނުގެ ރެޑް ކްރެސެންޓަށް އެހީތެރިވުމަށް ދިވެހި ރެޑް ކްރެސެންޓުން އެމަޖެންސީ ފަންޑެއް ހުޅުވީ މިމަހު 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހަށެވެ. އެ ޖަމިއްޔާއިން ބުނީ، ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާއި އެކި ފަރާތްތަކުގެ އެދުމުގެ މަތިން އެ މުއްދަތު ވަނީ އަންނަ މަހުގެ 12 އަށް އިތުރު ކޮށްފައި ކަމަށެވެ.

ފަލަސްތީން ރެޑް ކްރެސެންޓުން ވަނީ ގާޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް ވީއެންމެ އަވަހަކަށް އެހީވުމަށް އެދިފައި ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ. އެހެންކަމުން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ލިބޭ އެހީގެ ފައިސާ ފަލަސްތީން ރެޑް ކްރެސެންޓަށް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން އެ ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރަން ހަމަޖެހިފައި ވަނީ، ގާޒާއަށް ދެމުންދާ ހަމަލާގައި ޒަހަމްވެފައިވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދިވެހި ރެޑްކްރެސެންޓު މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް:

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓް

  • އެކައުންޓް ނަމްބަރު (ރުފިޔާ): 7701176022001
  • އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެކައުންޓުގެ ނަން: މޯލްޑިވިއަން ރެޑް ކްރެސެންޓު

  • އެކައުންޓް ނަމްބަރު (ރުފިޔާ): 99010155500036100
  • އެކައުންޓް ނަމްބަރު (ޔޫއެސްޑީ): 9901015550003620